Last Updated: April 24, 20:49
Wednesday, April 24, 2024
ކުޅިވަރު

ޔުނައިޓެޑާއި ޗެލްސީ މެޗަށް ހަމަހަމަ ނިމުމެއް

ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު 9 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ހަވަނައިގައެވެ. ޔުނައިޓެޑް އޮތީ ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެ 7 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޔުނައިޓެޑުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ފޮނުވާލި ދެ ހަމަލާއެއް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ދިފާއުކުރިއިރު ބްރޫނޯ ފަނާންޑޭސް ފޮނުވާލި ހަމަލާއެއް ވެސް އޭނާ ވަނީ ދިފާއުކޮށްފައެވެ.

އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑާއި އަލަށް ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ޗެލްސީގެ ގޯލަށް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކަވާނީ ފޮނުވާލި އެ ހަމަލާ ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ދިފާއުކޮށްފައެވެ.

އެންމެފަހުން ކުޅުނު ދެ މެޗުން ވެސް އެއްވަރުވި ޗެލްސީ އަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މުޅި މެޗުގައި ވެސް އެޓީމަށް ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މި މެޗު އެއްވަރުވިއިރު ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އާސެނަލްއާއެވެ. އަދި ޗެލްސީ ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ.