Last Updated: April 27, 11:40
Saturday, April 27, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(ސެޕްޓެމްބަރު 10، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"ކުށް ރަނގަޅުކޮށްލާ. އޭނާ ޖެހީ އަހަރެންގެ ފިރިމީހާގެ ގަޔަކު ނޫން އަހަރެމެން ގެއިން ވައްކަން ކުރި ވަގު ކަލޭގެ ގައިގަ."

"ނީލާ…" ސަލީމް ނީލާ އަށް ހަމަލަ ދިނެވެ. އަދި އޭނާގެ އަތުގައި ހުރި ހަދިޔާތައް ބުރައިގެން ދިޔަ އެވެ.

ނީލާގެ ކަރުން ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ.

"މަށާ ދިމާލަށް ވަގެކޭ ދޯ ތި ކިޔަނީ؟ އަހަރެން މިއަދު ކަލޭ މަރާލާނަން. ހުރޭ ބަލަން" އަދި އަނިޔާވެރި ގޮތަކަށް ނީލާ ކޮއްޕާލި އެވެ. ނީލާ އެނބުރެމުން ގޮސް ޖެހުނީ ސިޓިން ރޫމްގައި ހުރި ވަކަރު ގޮނޑިއެއްގަ އެވެ. އެވަގުތު މީހަކު ދޮރުގައި ޓަކި ޖެހި އެވެ.

ސަލީމް ދޮރު ހުޅުވި އެވެ. ކުރިމަތިން އުނައިސް ފެނުމުން އޭނާ ދިޔައީ ބިރުން ރޫރޫ އަޅައިގެންނެވެ.

އުނައިސް ނީލާ އަށް ބަލާލި އެވެ. ނީލާ ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅު ކުރަމުން އުނައިސް ކައިރިއަށް އަ އެވެ. ސަލީމް ބާރަށް ކޮޓަރި އަށް ގޮސް ޕޮލިހަށް ގުޅި އެވެ. ހިނދުކޮޅެއްގެ ތެރޭ ޕޮލިސް އެ ގެ އަށް އަ އެވެ.

"އުނައިސް އަނެއްކާ މި ގެއަށް ތި އައީ ކީއްކުރަން؟"

"އަހަރެން މި ގެ އަށް އައީ އީދު ވީމާ އަހަރެންގެ ކޮއްކޮ އަށް ހަދިޔާ ހިފައިގެން. އައި ތަނުން ފެނުނީ މީނާ އަނިޔާވެރި ގޮތަކަށް އަހަރެންގެ ކޮއްކޮ އަށް އަނިޔާ ކޮށްފަ ވާތަން."

"އެ ބުނާހެން މިއަދަކީ އީދު ދުވަސް ކަމެއް މިހިރަ މަރުމޯލަކަށް ނެނގޭތަ؟ މިއަދަކީ ދުޝްމަނުން ވެސް އެކުވެރިވާ ދުވަސް. ކަލޭ ކީއްވެ މި ދެބެއިން ދުރު ކުރަން ތި މަސައްކަތް ކުރަނީ؟"

"ދޮންބޭ މިއަދު ކޮއްކޮ ބުނި ހަދިޔާއެއް ދޭނަންތަ؟" އެ ވަގުތު ނީލާ އުނައިސް އަތުގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ.

"ކޮއްްކޮ ބިރެއް ނެތި އެދިބަލަ. ދޮންބެގެ ފުރާނައަށް އެދުނު ކަމުގައި ވިޔަސް ދޭނަން."

ފުލުހުން ވެސް ހައިރާންކަމާ އެކު ތިއްބެވެ.

"ދޮންބޭ އަހަރެން މި ނަރަކައެއް ކަހަލަ ގެއިން ގެންދޭ. އަހަރެން ހުންނަން ބޭނުމީ މަންމަ ކައިރީ. ޕްލީޒް ދޮންބޭ މި ގެއަށް އަހަރެން ދޫކޮށްފަ ނުދޭ." އުނައިސް ވަގުތުން ނީލާ އޭނާގެ މެޔާލައި ބޮނޑިކޮށްލި އެވެ. އަދި ދެ ބެއިން އެކުގައި އެ ގެއިން ނިކުތެވެ.

އެއްވެސް އެއްޗެއް އެ މީހުން ނުގެން ދިޔަ އެވެ. ބަސް ހުއްޓިފައި ހުރެވުނީ ސަލީމް އަށެވެ. ފަހަރެއްގައި ވެސް ނީލާ އެފަދަ ކަމެއް ނިންމާނެއޭ އޭނާގެ ހިތެއް ނުބުންޏެވެ. އެކަމަކު އެކަން ވެސް އެ ވީތާ އެވެ.

ނީލާ އާއި އުނައިސް އައިސް ގެއަށް ވަން އިރު ވަހީދާ ބަދިގޭގައި މީރު އެއްޗެއް ކައްކަނީ އެވެ. އެ ދެބެއިން ދެ ބެއިންނަށް ބަލާފައި ހީލި އެވެ. އަދި އެތެރެ އަށް ދިޔަ އެވެ. ނީލާ ފެނުމުން ވަހީދާ ވަރަށް އުފާވި އެވެ.

"ތިއީ މާރަނގަޅު ސަޕްރައިޒެއް." ވަހިދާ ހިނިތުން ވެލަމުން ދޮރާ ދިމާލަށް ފުންކޮށް ބަަލާލި އެވެ. އަދި ބޮލުގެ އިޝާރާތުން ސަލީމް ކޮބައިތޯ އަހާލި އެވެ. ނީލާ ނެތޭ ބުނެ ބޯ ހޫރާލި އެވެ. އެ ވަގުުތު ޔޫނުސް ވެސް އައިސް ހުރިހާ ކުދިން އެތަނުގައި ތިބި ތަން ފެނިފައި ހިނިތުން ވެލި އެވެ.

"އައްދެ ކޮން ކަމެއް އެންމެން ގުރޫޕް ހަދާލާފަ ބަދިގެތެރޭ."

"ބައްޕާ އަޅުގަނޑަަށް މާފްކުރޭ. އަޅުގަނޑު މި އައީ އެ ކެހިދިން މީހާ ދޫކޮށް ބައްޕަމެން ކައިރިއަށް. އަޅުގަނޑަށް މާފް ކުރޭ."

(ނުނިމޭ)