Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ލެސްޓާ އަތުން އާސެނަލް ބަލިވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީ އަތުން 1-0 އިން އާސެނަލް ބަލިވެއްޖެއެވެ.

މި ނަތީޖާއާއެކު 12 ޕޮއިންޓާ އެކު ލެސްޓާ މިހާރު އޮތީ ހަތަރުވަނައިގައެވެ. އާސެނަލް އޮތީ 9 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅުގައި އާސެނަލުން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އެގޮތުން ކޯނަރެއްގައި ލަކަޒޭޓް ބޮލުން ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިްމީ އެ ގޯލު ބަަލައިނުގަތުމަށެވެ. އެއީ އޮފްސައިޑްގައި ހުރި ގްރޭނިޓް ޒާކާ ބޯޅަ އަށް ހަރަކާތްކުރުމުންނެވެ.

ދެވަނަ ހާފްގައި އާސެނަލްގެ ޑިފެންޑަރު ހެކްޓަރ ބެލެރިން ވެސް ނުރައްކާތެރި ހަމަލާއެއް ލެސްޓާގެ ގޯލަށް ފޮނުވާލިއިރު އެ ހަމަލާގެ ހުރަހަކަށްވީ ލެސްޓާގެ ކީޕަރު ޝްމައިކަލްއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ލެސްޓާ އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ޖޭމީ ވާޑީ އެވެ. ވާޑީ މި ގޯލު ކާމިޔާބުކުރީ ލެސްޓާ އިން އުފެއްދި ކައުންޓަރ އެޓޭކެއްގައި ތުރުކީގެ ވިންގާ އުންޑާ ދިން ޕާހަކުންނެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލެސްޓާގެ ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ.

މިއީ 1973 ވަނަ އަހަރަށްފަހު އާސެނަލްގެ ދަނޑުގައި ކުޅެ ލެސްޓާ އިން އެޓީމުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.