Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކާށިދޫގައި ކޭބަލް ކާރު އަޅަން މަސައްކަތް ކުރުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން: އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް

ކާށިދޫއާ ގާފަރާ ދެމެދު ކޭބަލް ކާރު އަޅަން މަސައްކަތް ކުރުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ކާށިދޫއާ ގާފަރާ ދެމެދު ކޭބަލް ކާރުން ގުޅާލުމަކީ އެދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ވަޑައިގަތުމަށް ކުރެއްވި ވައުދެކެވެ. ޖާބިރު ވަނީ ބޭރުގެ ކޮންސަލްޓަންޓުން ގެނެސްގެން މީގެ ކުރިން އެތަނުގައި ކޭބަލް ކާރު އެޅޭތޯ ދިރާސާތަކެއް ވެސް ހަދާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރާ ސުވާލުކުރުމަށް ތާވަލުކުރުމުން، ޖާބިރު ވަނީ ކޭބަލް ކާރު އެޅުމަށް ޕްލޭންކޮށް ސަރުކާރަށް ހުށައެޅުމުން، ސަރުކާރުން އެ ޕްލޭންތައް ސަރުކާރުން ތާވަލުކުރާ ޕްރޮޖެކްޓުތަކުގައި ނުހިމަނާ ސަބަބު އޮޅުންފިލުވައި ދިނުމަށް އެދިފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ކޭބަލް ކާރު އެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި ރާއްޖޭގައި ކުރަން ހެޔޮވާނެ ވަރުގެ ކަމެއް ވެސް ނޫން ކަމަށެވެ. "ހަމަ އެއްގޮތަކަށް ވެސް ހަމަބުއްދީގައި ހުރެގެން އަޅުގަނޑު ގަބޫލެއް ނުކުރަން ކާށިދޫން އެއްވެސް ތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީސިބަލް ކަމެއްގެ ގޮތުގައި،"

އަސްލަމް އިތުރަށް ވިދާޅުވީ މިފަދަ ވައުދުތައް ރައްޔިތުންނަށް ވިޔަސް އެއީ ކުރެވޭނެ ކަންތައް ނޫންކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

ނަމަވެސް އަސްލަމްގެ މިޖަވާބު ޖާބިރަށް ކަމަކު ނުދިޔައެވެ. ނިޒާމީ ނުކުތާ ނަންގަވައި ޖާބިރު ވަނީ، ލަންޑަނާއި ޕެރިސް ފަދަ ސިޓީތަކުގައި ކޭބަލް ކާރު ދުއްވާކަން ފާހަގަކޮށް އަސްލަމް މަސައްކަތް ކުރައްވަނީ އޮޅުވާލަން ކަމަށް ވިދާޅުވެފައެވެ. މިވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކާށިދޫއަކީ ޕެރިސްއެއް ނޫން ކަމަށެވެ.