Last Updated: June 8, 21:45
Tuesday, June 9, 2026
ސިޔާސީ

"95،000 ވޯޓަކީ ބަޣާވާތާ ދެކޮޅު ވޯޓް"

ނަޝީދު އެންމެ ފަހުން އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން. ފޮޓޯ/ އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 95،000 ރައްޔިތުން ވޯޓު ދެއްވީ ބަޣާވާތާއި ދެކޮޅު ހަދާ ޑިމޮކްރެސީ އާއި ތަރައްޤީއަށްޓަކައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިްޑޭޓް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެ އިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެ ނޫންވެ ސް ހައްގުތައް ލިބެމުން އައި ކަމަށާއި އެހެން ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެހައްގުތައް ލިބިފައި ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްޑީޕީ އަށް ވޯޓު ދިނީ އެ މިނިވަންކަން ދަމަހައްޓާ، ރާއްޖެ ތަރައްޤީ ކުރަން ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރު ނިމި 4 ދުވަސް ވެގެން ދިޔަ އިރު އެމްޑީޕީ އާ ވާދަ ކުރާނެ އިއްތިހާދެއް މިއަދު ނުހެދިފައިވާ ކަމަށާއި، އެއީ މުޖުތަމައުގައި އެ ރޫހާއި ޖޯޝު ނެތީމާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުރިން 2008 ވަނަ އަހަރު އިއްތިހާދުވީ މުޅިން އެހެން ރާއްޖެ އަށް ހޯދައި، 30 އަހަރުގެ ވެރިކަން ބަދަލު ކުރުމުގެ ޖޯޝުގައި ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ އިއްތިހާދަކީ ތަބީއީ ކަމެއް ކަމަށާއި، އެއީ އޮއިވަރެއްކަމުން ސިޔާސީ ވެރިންނަށް ނިންމުން ނިންމަށް ފަސޭހަވާނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އާއި ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީންގެ ވެރިކަމެއް ވަރުގަދަކޮށްގެންވާނޭކަމެއް ދެންތިބި ސިޔާސީ އިސްބޭފުޅުންނަށް ނެތްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްއަށްވެސް އެފަދަ ވެރިކަމެއްގައި އުޖާލާކަމެއް ނުލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ގާސިމް އިބްރާހިމްގެ ވިޔަފާރި އަކީ ދައުލަތަށް މުހިންމު ވިޔަފާރިއެއްކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އެބޭފުޅާގެ ވިޔަފާރިއަށް ކުޑަ ލޮޅުމެއްވެސް އެރިޔަނުދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅުން ވާދަ ކުރައްވާ ޕީޕީއެމް އަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ އެޕާޓީއަކީ 50،000 ގެ ކުޑަ ޕާޓީއެއް ކަމަށެވެ. މިއަދު ޕީޕީއެމް އިން ނިކުމެ ރައްޔިތުންނަށް ވައުދު ވަމުންދާ އިރު 30 އަހަރު އެކަން ނުވީ ކީއްވެތޯ ރައްޔިތުން އަހާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން އިކޮނޮމިކް މިނިސްޓަރަށް ހުންނެވި އިރު ރާއްޖޭގެ ތަރައްޤީ އަށް އަހަރަކު ބަނދަރެއް، ފެނާއި ނަރުދަމާ ހަމައެކަނކި މާލޭގައި އެޅިފައި އޮތީ ކީއްވެތޯ ރައްޔިތުން ސުވާލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ މަސްރަހް ބައްޓަންވަމުންދާ ގޮތް އެންމެނަށް މިހާރު އެބަ ފެނަ ކަމަށާއި ފަހު ބުރުގައި ލިބޭނެ ނަތީޖާ ވެސް ގާތްގަނޑަކަށް އޮތީ ފެނިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި 7 ވަނަ ދުވަހު އިންތިޚާބު ކާމިޔާބު ނުވުމުން އެހެން ބޭފުޅުންގެ ކަން ކަމަށް ވިސްނުމަށް ވަގުތު އެބަ ލިބޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ވަގުތު އިދިކޮޅު ވާދަވެރިންނަށް ދިމާވެދާނެ ދަތުރާ މެދު ވިސްނަން ޖެހޭ ކަމަށާއި ހަރުދަނާ ސިޔާސަތެއް ހިންގޭނީ ސުލްހަ ގާއިމްވެގެން ކަމަށް ވިދާޅުވި އެވެ.