Last Updated: June 8, 21:45
Tuesday, June 9, 2026
ސިޔާސީ

ދެން އުފެދޭނީ ރައްޔިތުންގެ ސަރުކާރެއް: ޔާމީން

ޕީޕީއެމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގާއިމްވެގެން ދާނީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތައް ގުޅިގެން އުފައްދާ ސަރުކާރެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

"އާދެ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެން ދިވެހި ރާއްޖޭގައި ފެނިގެން ދާނީ އުފައްދާނީ ޕީޕީއެމް އެމްޑީއޭ އިސްވެ ތިބެ އެހެން ހުރިހާ ސިޔާސީ ޕާޓީތައް ހިމެނޭ ސަރުކާރެއް. އާދެ އެއީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތައް ހިމެނޭ ސަރުކާރެއް. އަޅުގަނޑުމެންގެ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ސަރުކާރަކަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ހަމަޖެހުން ކަމަށާއި ހަމަޖެހުން ގާއިމް ކުރެވޭނީ ރާއްޖެ އަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކޮށްގެން ކަމަށެވެ.

"ގާނޫނުގެ ވެރިކަމަށް ރައީސް ނަޝީދު ވަނީ ނޫނެކޭ ވިދާޅުވެފައި. އެހެންވީމާ އެއީ ރައްޔިތުން އެދޭ ގޮތެއް ނޫން. އެއީ ރައްޔިތުންގެ ވެރިކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުން ޕީޕީއެމް އާއި އެހެނިހެން ސިޔާސީ ޕާޓީތަކުން އެކަމާ ދެކޮޅަށް އަޑު އުފުލަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތަކަށް މިނިވަންކަމާ އެކު ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް ނަޝީދުގެ ސަރުކާރުން އިޖާބާ ދީފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.