Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މަޖިލީހަށް ސަރުކާރުގެ އިތުބާރު އެބައޮތް: އާޒިމް

އަލީ އާޒިމް - ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް މިސަރުކާރުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް މެޖޯރިޓީ ލީޑަރ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދުމާ ގުޅިގެންނެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވައްދާފައިވަނީ، އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ކުޑަ ކަމަކަށް ހަދައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ސަފާރީ ރޭޕް ކޭސްއާ ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަތައް، އެހެން ކަހަލަ މާނައެއްގައި މީޑިޔާތަކުން ގެނެސްދިނީ ކަމަށާއި، ޖިންސީ ގޯނާ އަކީ ކުޑަކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އިމްރާން ފަހުން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އާޒިމް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވާ ކޮންމެ ވަގުތަކީ ހުސް ބުޅި އެއްލާންވީ ވަގުތެއް ނޫން ކަމަށާއި، އެމްޑީޕީ އިން އެ ހުސް ބުޅީގައި ނުޖެހޭނެ ކަމަށެވެ.

މިސަރުކާރަށާއި ޚާއްސަކޮށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށާއި އެމަނިކުފާނު ކުރައްވާ މަސައްކަތަށް ބަލައިގަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ އަދަދަށް ބެލުމަށް ފަހު މިފަދަ ކަންކަން ނުކުރުމަށް ވެސް އާޒިމް ވަނީ އެދިފައެވެ. ސަބަބަކީ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށް، އިދިކޮޅުން ހުށައެޅި ހުށައެޅުމެއް ވެސް ފާސްވުމަށް އެމްޑީޕީގެ ގިނަ މެމްބަރުންގެ ވޯޓު ބޭނުންވާނެތީއެވެ.