އެމްޑީޕީގެ ރައީސްކަމުގައި 365 ދުވަހު ހުންނެވުމަށް ފަހު އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ "ވިސްނުންފުޅު ހުރި ގޮތުން" އެ މަގުސަދު ހާސިލު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެއްވޭތީ 13 އޮގަސްޓް 2008ގައި އެމްޑީޕީގެ ރައިސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަމިއްލަ ޕާޓީއެއް އުފައްދަވައިގެން ހުންނެވި ޑރ. މުހައްމަދު މުނައްވަރު ރިއާސީ އިންތިހާބްގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަށް ތާއިދު ކުރައްވައި އެމަނިކުފާނާއި އެކު މިއަދު ހެނދުނު އައްޑޫއަށް ވަޑައިގަންނަވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ މުނައްވަރު އާއި ނަޝީދު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުޅުމީދު އަށް ކަމަށެވެ.
އަދި އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ޕާޓީގެ ގިނަ މެމްބަރުންތަކެއް މީދޫ ބަނދަރަށް ޖަމާވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްޑީޕީއަށާއި ނަޝީދު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ދިޔަ ޑރ. މުހައްމަދު މުނައްވަރު އުފެއްދި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) ރެޖިސްޓްރީ ކުރުމަށް ބޭއްވި ޖަލްސާގައި މުނައްވަރު ވިދާޅުވެފައި ވަނީ އެމްޑީޕީއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަން ނިންމުމަށް އުފެއްދި ޕާޓީއެއް ކަމަށާއި އެގޮތުން އެމްއާރްއެމް އުފެއްދީ ނަޝީދުގެ ސަރުކާރު ނިންމުމަކަށް ގެނައުމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގެ އެޓާނީ ޖެނެރަލްގެ މަގާމު 10 އަހަރު ފުރުއްވި ޑރ. މުނައްވަރު ފާއިތުވި ތަނުގައި ސިޔާސީ ހަރަކާތްތަކުން ފެނިފައި ނުވެ އެވެ.
ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު 95 ހާހަށް ވުރެ ގިނަ ވޯޓު ހޯދާފައިވާ އިރު ކުރީގެ އެކި ސިޔާސީ ޕާޓީތަކުން ފެނުނު ބައެއް މޫނުތައް މިހާރު އެމްޑީޕީ އާ ގުޅެމުން ދާތަން ފެނެ އެވެ.
އެގޮތުން ޖުމްހުރީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި އޭޑީކޭ ނާޝިދު ވެސް ވަނީ އެމްޑީޕީ އާ ގުޅިފަ އެވެ.