Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ދޫގަސް ފެސިލިޓީން އަނެއްކާވެސް ބިދޭސީއަކު ޕޮސިޓިވް ވެއްޖެ

ގަމުގެ ދޫގަސް.

އައްޑޫ ދޫގަސް ކަރަންޓީނު ފެސިލިޓީން އަނެއްކާވެސް ބިދޭސީއަކު ކޮވިޑް19 އަށް ޕޮސިޓިވް ވެއްޖެއެވެ.

ދޫގަސް ފެސިލިޓީގައި ކަރަންޓީނުގައި ތިބީ ޕޮލިސް އެކެޑެމީގެ މަސައްކަތަށް އިންޑިޔާއިން ގެނައި 83 މީހުންނެވެ. މީގެ ދެ ހަފްތާ ކުރިން ނެގި އެމީހުންގެ ސާމްޕަލްތަކުން ގިނަ އަދަދެއްގެ ބަޔަކު ޕޮސިޓިވްވުމާ ގުޅިގެން ހުރިހާ އެންމެން ވަނީ ކަރަންޓީނަށް އިތުރު 14 ދުވަސް ޖަހާފައެވެ.

ކަރަންޓީނުގެ މުއްދަތު ހަމަވުމުން އަނެއްކާވެސް ޓެސްޓުކުރުމުން އެތަނުގައި ތިބި 83 މީހުންގެ ތެރެއިން އެކެއްގެ ނަތީޖާ ޕޮސިޓިވްވުމާ ގުޅިގެން އެންމެންގެ ކަރަންޓީނު މުއްދަތު ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ.

އައްޑޫގައި މީގެ ދެ ދުވަސް ކުރިން ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ވެސް ވަނީ ޕޮސިޓިވް ވެފައެވެ.

މިމަހު ކުރީކޮޅު އައްޑޫގައި ރޭންޑަމް ސާމްޕްލިން ވެސް ނަގާފައިވާއިރު ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވް ވެފައެވެ.