ކޯޓް އަމުރެއްގެ ދަށުން ސ. ހިތަދޫ ގެެއަކަށް ވަދެ އެ ގެ ބަލައި ފާސް ކުރުމަށް ފަހު މީހަކު ފުލުހުންގެ ބެލުމުގެ ދަށައްގެންގޮސްފިއެވެ.
މިއަދު ހަވީރު 6:00 ޖެހި އިރު އެސްއޯ ފުލުހުން ގޮސް ބަލައި ފާސްކޮށްފައިވަނީ ހިތަދޫ، ސޯމާގެއެވެ. އެއީ ހިތަދޫއަށް މަޝްހޫރު ފަންޑިތަ ހަދާ އިބިރިހިން މަނިކުގެ ގެއެވެ.
އެ ސަރައްހަދުގައި ހުރި "އައްޑޫލައިވް" ރިޕޯޓަރު ބުނީ މީގެ ކުޑައިރުކޮޅެއް ކުރިން އިބިރިހިން މަނިކު ހައްޔަރުކޮށްގެން އެސްއޯ ފުލުހުން ގޮސްފައިވާ ކަމަށެވެ. އަދި ފަންޑިތަ ހަދަން ގެންގުޅޭ ބައެއް ސާމާން ފުލުހުން ގެންގޮސްފައިވާކަމަށް ރިޕޯޓަރު ބުންޏެވެ.
ފުލުހުން އެގެ ބަލައި ފާސްކޮށްފައިވަނީ އެގެ ހުރި ސަރަހައްދު ކޯން އަޅައި ބަންދުކޮށްގެންނެވެެ. އަދި އެ ސަރަހައްދަށް ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ޖަމާވެފައިވާކަމަށް ރިޕޯޓަރު ބުންޏެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ރިޕޯޓަރު ބުނީ ފުލުހުން އެގޭގައި ހަރަކާތްތެރިވަމުން ދަނިކޮށް އެގޭގެ އަންހެން ކުއްޖަކު ނޭވާ ނުލެވި ހާސްވެގެން އިމެޖެންސީގައި ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު އަހުމަދު ޝިފާން "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސޯމާގެ ފާސް ކުރަނީ "ފަންޑިތަ ހަދާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން" ކަމަށެވެ.
އަދި އެކަން އިތުރަށް ބަލަމުން އަންނާތީ އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ޝިފާން ނުދެއްވަ އެވެ.
އެ ސަރައްހަދުން ވާހަކަ ދެއްކި މީހަކު ބުނީ ރިޔާސީ އިންތިހާބާ ގުޅުން ހުރި ކަމެއްގައި ސޯމާ ގޭގައި ފަންޑިތަ ހަދާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ.
އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އައްޑު އަށް ކުރައްވާ ދަތުރުތަކުގައި އެ ގެއަށް އާންމުކޮށް ވަޑައިގަންނަވާ ކަމަށް ވެސް ބައެެެއް މީހުން ބުންޏެވެ. އަދި ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުުތުފީ ވެސް އެ ގެ އަށް ވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ސަޕޯޓަރެއްގެ ފަރާތުން އެނގިފައިވެ އެވެ.
އެކަމަކު އެ ބޭފުޅުން އެ ގެއަށް ވަޑައިގަންނަވަނީ އިބްރާހީމް މަނިކު އައިޑީ ކާޑު ހަދާފައި ނޯންނާތީ އިންތިހާބުގައި އޭނާ ވޯޓް ލާން ހިތްވަރުދީ އައިޑީ ކާޑު ހެދުމަށް ނަސޭހަތްތެރިވުމަށް ކަމަށްވެ އެވެ.