Last Updated: April 20, 07:18
Saturday, April 20, 2024
ކުޅިވަރު

ފަހު ވަގުތު ރެއާލް ބަލިނުވެ ސަލާމަތްވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޖަރުމަނުގެ ބުރޫޝިޔާ މޮންޗެންގްލެޑްބެކް އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވެސް ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ރެއާލް އޮތީ އެއް ޕޮއިންޓާ އެކު ލީގުގެ ފުލުގައެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނާއި ދެވަނައިގައި މޮންޗެންގްލެޑްބެކް އަށް ލިބިފައިވަނީ ދެ ޕޮއިންޓު ކަމަށްވާއިރު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި ޝަހްތަރު ޑޮނެޓްސްކް އެވެ.

ރޭގެ މެޗުގައި މޮންޗެންގްލެޑްބެކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 33 ވަނަ މިނެޓްގައި މާކަސް ތުރާމް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 58 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ތުރާމް އެވެ.

މި ދެ ގޯލަށްފަހު ވެސް ލީޑު އިތުރަށް ފުޅާކޮށްލަން މޮންޗެންގްލެޑްބެކް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު ރެއާލްގެ ފުރަތަމަ ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކަސެމެއިރޯ ވަނީ ނަތީޖާ އެއްވަރުކޮށް މެޗުން ބަލިވިޔަނުދީ އެޓީމު ސަލާމަތްކޮށްދީފައެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކުން ވަނީ ލޮކޮމޯޓިވް މޮސްކޯ އާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލް އިން ޑެންމާކުގެ މިޖްލޭންޑާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރިއިރު ސިޓީން ވަނީ ފްރާންސްގެ މާސޭގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ.