Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީއަކުން ފަންޑިތައެއް ނަހަދާ: ސޮބްރީ

ފަންޑިތަ ހަދާ ކަމަށް ބުނެ އެމްޑީޕީ އާ ބެހޭ ގޮތުން ދައްކަނީ ހަގީގަތެެއް ނެތް ދޮގު ވާހަކަތަކެެއް ކަމަށް އެމްޑީޕީ އައްޑޫ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސޮބްރީ މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއީ ރަނިންމޭޓް ޑރ. މުސްތޮފާ ލުފުތީ ހިތަދޫ ސޯމާ އިބްރާހީމް މަނިކު (ގަމީސް ނިލާ އިބިރާހިމް މަނިކު) ލައްވައި ފަންޑިތަ ހަދާ ކަމަށް ފެތުރުނު އަޑުތަކާ ގުޅިގެންނެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ސޯމާގެއަށް ބުރާސްފަތި ދުވަހު ނަޝީދާ އެކު މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ރައްޔިތުންގެ މަޖިލީހުގެ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މޯޑް) އާއި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވަޑައިގެންނެވި އެވެ.

ސޯމާ ގޭގައި ފަންޑިތަ ހަދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިބްރާހީމް މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަން ފުލުހުން ކަށަވަރުކޮށް ދިން ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ސޮބްރީ ވިދާޅުވީ އިބްރާހީމް ލައްވައި އެމްޑީޕީން ފަންޑިތަ ހަދާ ކަމަށް ބުނެ ވާހަކަ ދައްކާ އިރު އެފަދަ ކަމެއް ހިނގާ ކަމެއް މިހާތަނަށް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.

އަދި އިއްޔެ ނަޝީދު އައްޑު އަށް ކުރެއްވި ދަތުރު ފިޔަވައި އެހެން އެއްވެސް ދުވަަހެއްގައި ސޯމާގެއަށް ވަޑައިގެން އިބްރާހީމް އާ ބައްދަލު ކުރައްވާފައި ނުވާ ކަމަށް ސޮބްރީ (ފޮޓޯގައި) ވިދާޅުވި އެވެ. އަދި މުސްތޮފާ ލުތުފީއަކީ ވެސް އެ ގެއަށް ވަަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޔެ ދޮރުން ދޮރަށް ހިނގި އިރު ސޯމާގެ ހުރި ހިސާބުގަނޑުން ހޮވާލެވުނު ގެއަކަށްވާތީ ނަޝީދު އިިއްޔެ އެ ގެއަށް ވަޑައިގެންނެވީ. މީގެ ކުރިއަކުން ދުވަހަކު ވެސް އެގެއަކަށް ވަޑައެއް ނުގަންނަވާ. އަދި ސޯމާގެއަކާ މާ ބޮޑު ގުޅުމެއް ވެސް ނޯންނާނެ އެމްޑީޕީއަކާ،" ސޮބްރީ ވިދާޅުވި އެވެ. "އެ ބުނާ ފަންޑިތަ ހަދާ އިބްރާހީމަކީ ވެސް އެމްޑީޕީ އާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން."

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް އެމްޑީޕީ ކާމިޔާބް ކުރާނެކަން ބަޔަކަށް ޔަގީންވާތީ އެކަމާ ބިރުން ތަފާތު ދޮގު ވާހަކަތަކެއް އެމްޑީޕީ އާ ބެހޭ ގޮތުން ދައްކަނީ ކަމަށެވެ. އަދި ފުލުހުން ވެސް އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްތަކާ ދޭތެރޭ އަމަލު ކުރަނީ އިންސާފުން އެއްކިބާވެ ތިބެ ކަމަށް ސޮބްރީ ތުހުމަތު ކުރެއްވި އެވެ.

"އަދާލަތު ޕާޓީ ހިތަދޫ އޮފީހުން ސިހުރު ލަވަ ޖަހައި އެބަ ހަދާ. އެއީ ހަމަ ބަޔަކަށް ގެއްލުމެއް ދޭން ކުރާ ކަމެއް. އެކަމަކު އެ އަޑު އިވޭ ބަޔަކު ނެތް. އެކަމާާ ފިޔަވަޅެެއް ވެސް އެޅޭ ކަމަކަށް ނުވޭ،" އޭނާ ވިދާޅުވި އެވެ. "އަނެެއްކާ މީގެ ހަ އަހަރު ކުރިން އަޅުގަނޑުގެ މައްޗަށް އޮތް މައްސަަލައެއްގައި ހުކުމް ތަންފީޒު ކުރާށޭ ކިޔާފައި އަޅުގަނޑު ހައްޔަރު ކުރަން ވެސް ފުލުހުން އެބަ މަސައްކަތް ކުރޭ. ކީއްވެތޯ މިހާތަނަށް އައި އިރު އެ ބުނާ މައްސަލައެއްގައި އަޅުގަނޑާ ދޭތެެރޭ އަޅަން ޖެހޭ ފިޔަވަޅެެެއް ނޭޅި އޮތީ؟ މިއީ އަބްދުﷲ ރިޔާޒް ފުލުހުންގެ އިސްވެރިއަކަށް ހުންނަވަައިގެން އެމްޑީޕީ އާ ދެކޮޅަށް ހިންގާ ހަރަކާތްތަކެއް."