Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

ހަސަންގެ ބައެއް އިސްލާހުން ގިނަ ކުޅިވަރުން ރާއްޖެ ސަސްޕެންޑް ކުރާނެ

މިނިސްޓަރު އަހުމަދު މަހުލޫފް - ފޮޓޯ: މަޖިލިސް

ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށާއި، ކުޅުންތެރިންނާއި، ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް އެ އިސްލާހުތަކުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ހިންގަނީ ޑިމޮކްރެޓިކްކޮށް، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަގުވާމީ އިދާރާތަކުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް މަހުލޫފް ވިދާޅުވިއެވެ. ނަމަވެސް ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅިވަރުގެ ގާނޫނަށް ހަސަން އިސްލާހު ހުށަހެޅުއްވި މަގުސަދު ތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުަގއި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ.

އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާއި އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމް ކުރުން ހިމެނޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އަދި ކުޅިވަރުގެ އެކި އެކި މުއައްސަސާތަކުގެ އިންތިހާބު ތަކަކީ ދެފުށް ފެންނަ އިތުބާރު ކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއް ކަމުގައި ހެދުމާއި، ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.