Last Updated: June 8, 21:45
Tuesday, June 9, 2026
ސިޔާސީ

"ނަޝީދާއި އިބްރާހީމް ސިއްރު ވާހަކައެއް ނުދައްކަވާ"

ނަޝީދާ އެކު އައްޑޫ ކުރީގެ މޭޔަރު ސޯބެ. ފޮޓޯ/ ޖޭޑް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ފަންޑިތަ ހަދާ ހިތަދޫ ސޯމާ އިބްރާހިމް މަނިކު އާ ދެ މީހުން ސިއްރު އެއްވެސް ވާހަކައެއް ދައްކަވައި ފަންޑިތަ އާ ބެހޭ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

ސޯބެ މިހެން ވިދާޅުވީ ނަޝީދު، އިބްރާހީމް ލައްވައި ފަންޑިތަ ހަދާ ކަމަށް ބަޔަކު އަޑު ފަތުރާފައި ވަނިކޮށް ފުލުހުން ރޭ ސޯމާ ގެ ބަލައި ފާސް ކުރުމަށް ފަހު އިބްރާހީމް ހައްޔަރުކޮށްފައި ވަނިކޮށެވެ.

މޭޔަރު ވިދާޅުވީ ނަޝީދު ބުރާސްފަތި ދުވަހު ހިތަދޫގައި ދޮރުން ދޮރަށް ހިންގެވި އިރު ސޯމާގެ އަށް ވަޑައިގެންނެވި އިރު ނަޝީދާ އެކު އެ ގެއަށް ވަޑައިގެންނެވި ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މޯޑް) އާއި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވަޑައިގެންނެވި ކަމަށް ސޯބެ ވިދާޅުވި އެވެ. އަދި އެ ވަގުތު އެތަނުގައި މަރަދޫ މީހަކު ވެސް ހުރި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ބުރާސްފަތި ދުވަހަކީ ނަޝީދު އެ ގެއަށް ފުރަތަމަ ފަހަަރަށް ވަޑައިގެންނެވި ދުވަސް. އަޅުގަނޑުމެން ނުދެކެން ނަޝީދު އިބްރާހީމާ އެކު ސިއްރު ވާހަކަތަކެއް ދެއްކެވި ތަނެއް ވެސް. ނަޝީދު ވަޑައިގަތުމުން އިބްރާހީމް ދެންނެވި މަނިކުފާނުގެ ކިބައިން އެދޭ ކަމެެއް އެބަ އޮތޭ. އެއީ ކޮން ކަމެއްތީ ނަޝީދު ސުވާލް ކުރެއްވުމުން ބުނި ނަޝީދުގެ ވެރިކަމުގައި ތައުލީމީ މަންހަޖުގައި ދުރޫސުލް އަހުލާގް މާއްދާއެެއްގެ ގޮތުގައި ހިމަނުއްވައި ދެއްވާށޭ. އެ ނޫން ވާހަކައެއް ނުކެދެކެވޭ އެތާކު،" ސޯބެ ވިދާޅުވި އެވެ. "އެހެންވެ އެ ގެއަށް ނަޝީދާ އެކު ދިޔަ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފެނުނު މަންޒަރަކީ މިއީ. މިވަަރުގެ ކަމެއް އެމްޑީޕީން ކުރި ކަމަށްވަންޏާ އިބްރާހީމާ އެކު ނަޝީދާއި އަޅުގަނޑުމެން ވެސް ހައްޔަރު ކުރަން ޖެހޭނެ ނޫންތޯ؟"

ސޯބެ ވިދާޅުވީ އެމްޑީޕީގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވަނީ އިންތިހާބް ކާމިޔާބް ކުރާނެކަން ޔަގީންވާތީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.