Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

އެމްޑީޕީ ހިތަދޫ ހަރުގެ ފަޅާލައި ވައްކަންކޮށްފި

އެމްޑީޕީ ހިތަދޫ އޮފީސް

ސ. ހިތަދޫ ލިންކު ރޯޑުގައި ހުންނަ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެ ފަޅާލައި ވައްކަންކޮށްފިއެވެ.

އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބް ރައީސް އިބްރާހިމް ރަޝީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީ ހަރުގޭގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ސާމާން ވަގަށް ނެގި މައްްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އިބުރޭ ވިދާޅުވީ ވަގުން ގެންދިޔަ ތަކެތީގެ ތެރޭގައި ސައުންޑު ސިސްޓަމްގެ އެމްޕާއި، ސްޕީކަރުގެ އިތުރުން، މާކަރީ ލައިޓާއި، ތަނުގެ ވައިރިންވެސް ކޮށާލައި ގެންގޮސްފައިވާ ކަމަށެވެ. އަދި މީޓިން ރޫމްގެ ލައިޓާއި، އޭސީ އައުޓްޑޯ ޔުނިޓު ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.

"މިއީ މިއަދަކު ކޮށްފައި ހުރި ކަމެއް ކަމަށް ނުބެލެވޭ، މިއަދު ގޮޑިތަކެއް ނަގަން އޮފީސް ހުޅުވުމުން އެނގުނީ އޮފީހުގެ މަތީ ބުރި ފަޅާލައި ވައްކަން ކޮށްފައިވާ ކަން" އިބުރޭ ވިދާޅުވިއެވެ.

އެމްޑީޕީ އޮފީސް ފަޅާލައި ވައްކަން ކުރި އިރު އިއްޔެ ރޭ ހިތަދޫ މެދެއާރި މަގުގައި ހުންނަ ހިއުމަން ރައިޓްސް އޮފީސް ފަޅާލައި އެތަނުގެ ދެ ޕީސީ، ސީސީޓީ ކެމެރާގެ ޑީވީއާރާއި ބައެއް ލިޔެކިއުންތައް ވަނީ ވަގަށް ނަގާފައެވެ.