Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ރޮނާލްޑޯ ކޮވިޑުން ރަނގަޅުވެއްޖެ

ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.

ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ކޮވިޑަށް ޕޮޒިޓިވް ވުމުން މިދިޔަ ހަފްތާގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެ މެޗުން 2-0 އިން ޔުވެންޓަސް ވަނީ ބަލިވެފައެވެ.

ރޮނާލްޑޯ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެނިފައެއް ނުވެއެވެ.

ޔުވެންޓަސް އިން މިރޭ ބުނީ ކޮވިޑުން ރަނގަޅުވެފައިވޭތޯ ބެލުމަށް ރޮނާލްޑޯ މިއަދު ޓެސްޓެއް ހަދާފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ބައްޔަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށެވެ. އެހެންކަމުން ހޯމް އައިސޮލޭޝަނުގައި އިތުރަށް އޭނާ ހުންނަން ނުޖެހޭނެ ކަމަށް ޔުވެންޓަސް އިން ބުނެއެވެ.

ރޮނާލްޑޯ ކޮވިޑުން ރަނގަޅުވެފައިވާއިރު، އިޓާލިއަން ލީގުގައި މި ހަފްތާގައި ޔުވެންޓަސް އިން ކުޅޭ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތެވެ.

ލީގުގައި މިހާތަނަށް ޔުވެންޓަސް އިން ފަސް މެޗު ކުޅެފައިވާއިރު، އެޓީމު އޮތީ 9 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.