Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކަނޑިންމަ ރިސޯޓުން 17 މީހަކު ޕޮޒިޓިވްވެއްޖެ

ކަނޑިންމަ ރިސޯޓުން 17 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެރަށުން އިއްޔެ ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 20 ސާމްޕަލް ނެގިއިރު 17 ސާމްޕަލް އެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

ކަނޑިންމަ ރިސޯޓުން ރެންޑަމް ސާމްޕަލްތަކެއް ނަގާފައި މިވަނީ އެ ރިސޯޓުގައި ހުއްޓާ ހާލު ދެރަވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް މަރެއްގައި މަރުވުމާއި ގުޅިގެންނެވެ. މަރުވީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްއީއޯސީ އިން މައުލޫމާތުދިން ގޮތުގައި އެރަށުގައި ތިބި ފަތުރުވެރިންގެ ތެރެއިން މިވަގުތު ފުރަން ވެފައި ތިބި ފަތުރުވެރިންނަށް ރިސޯޓުން ފުރޭނީ ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓު ނުވާނަމައެވެ. އަދި ފުރުމުގެ ކުރިން ޕީސީއާރް ޓެސްޓު ހަދާ ނަތީޖާ ނެގެޓިވްވާން ޖެހޭނެ ކަމަށް އެޗްއީއޯސީ އިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 11,659 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެތެރެއިން 10،814 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު ބައްޔަށް ފަރުވާ ދެމުން ދަނީ 800 މީހަކަށެވެ.