Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

އެނބުރި އައިސް ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފި

ކޮވިޑް-19 އިން ރަނގަޅުވެ އެނބުރި އައިސް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުން ސްޕެޒިޔާގެ މައްޗަށް 4-1 އިން ޔުވެންޓަސް އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ 12 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ޔުވެންޓަސް އަތުން ބަލިވި ސްޕެޒިޔާ އޮތީ ފަސް ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ. އެއްވަނައިގައި 16 ޕޮއިންޓާ އެކު އޮތީ އޭސީ މިލާން އެވެ.

ސްޕެޒިޔާގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި ޕޮބެގާ ކާމިޔާބުކުރި ގޯލުން ސްޕެޒިޔާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ކުޅެން ރޮނާލްޑޯ ވަނީ މެޗުގެ 59 ވަނަ މިނެޓްގައި ޔުވެންޓަސް އަށް އަލުން ލީޑު ނަގާދީފައެވެ. މެޗުގެ 67 ވަނަ މިނެޓްގައި ޔުވެންޓަސްގެ ތިންވަނަ ގޯލު ރަބިއޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ.

ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ކޮވިޑަށް ޕޮޒިޓިވް ވުމުން މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެ މެޗުން 2-0 އިން ޔުވެންޓަސް ވަނީ ބަލިވެފައެވެ.

ރޮނާލްޑޯ ކޮވިޑުން ރަނގަޅުވިކަން ޔުވެންޓަސް އިން އިއުލާންކުރީ ރޭގެ ވަގުތެއްގައެވެ.