Last Updated: June 8, 21:45
Monday, June 8, 2026
ވިޔަފާރި

އީސީސީ ތަރައްގީ ކުރާނަން: ނަޝީދު

ވެރިކަމާ އަލުން ހަވާލުވެވަޑައިގަތުމަށް ފަހު އައްޑޫގައި ހަދާފައިވާ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަންނަ އަހަރުގެ ޖޫން އަންނަންވާ އިރަށް ކޮންވެންޝަން ހޮޓަލަކާ އެކު ތަރައްގީ ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑު އަށް ވަަޑައިގެން މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އީސީސީ އަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

އަދި އެތަން ވީހާ އަވަހަކަށް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށް، އެތަން ބެލެހެއްޓޭ ވަރުގެ ބަޖެޓެއް ވެސް ކައުންސިލަށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އީސީސީއަކީ ބައިނަލްއަގްވާމީ ބޮޑެތި ކޮންފަރެންސްތައް ބޭއްވޭނެ އަދި އެކަމަށް ޝައުގުވެރިކަން ވެސް ބޭރުގެ ފަރާތްތަކުން ފާޅު ކުރަމުން އަންނަ ތަނެއް ކަމަށެވެ.

އެގޮތުން ކޮމަންވެލްތާއި އދ. ފަދަ ޖަމިއްޔާތަކުގެ ބައްދަލުވުންތައް އީސީސީގައި ބާއްވަން ޝައުގުވެރިވާ ކަމަށް ވިދާޅުވި އެވެ. ނަޝީދު އަދި ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު، ވަރަށް އަވަހަށް އީސީސީގައި ބައިނަލްއަގްވާމީ ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.