Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މަރަދޫ ތިން ވަގަކު ޖަލަށް ލާން ހުކުމްކޮށްފި

ސ. މަރަދޫގެ ތިން ވަގަކު ޖަލަަށް ލާން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ތަފާތު އެކި ތަންތަނުން އެކި ފަހަރު މަތިން ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވެގެން ޖަލަށް ލާން ހުކުމްކޮށްފައިވާ ތިން މީހުންނަކީ މަރަދޫ ލިލީގެ އިބްރާހީމް ނާޒިހް، 21، އާއި އެ ރަށު އޯޝަން ލީޑް އަބްދުﷲ ނަސްރު އަހުމަދު، 21، އާއި އެ ރަށު ފާގަތި އަލީ މާހިދު، 23، އެވެ.

ނާޒިހު ފަސް އަހަރާއި ހަމަ އަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ އޮކްޓޯބަރު 11، 2012 ގައި ނަސްރު އާ ދެ މީހުންވެގެން މަރަދޫ ސްނޯޑްރޮޕް ގެއިން ވައްކަން ކުރި ކަމަށާއި ޖެނުއަރީ 2، 2013 މަރަދޫ ގަދަކޯޅި ގެއިން ވައްކަން ކުރިކަން ސާބިތުވެގެންނެވެ.

އެގޮތުން ސްނޯޑްރޮޕް ގެއިން ވައްކަން ކުރި މައްސަލާގައި ނަޒީހު އެއް އަހަރާއި ހަ މަހަށް ޖަލަށް ލާން ހުކުމް ކުރި އިރު ގަދަކޯޅި ގެއިން ލަވްބާޑްތަކެއް ވަގަށް ނެގި މައްސަލާގައި ހަތަރު އަހަރަށް ޖަަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ނާޒިހު އާއި ނަސްރު ވަނީ ސްނޯޑްރޮޕް ގެއިން ޑީވީޑީ ޕްލެޔަރަކާއި ޓީވީއަކާއި ރިމޯޓެއް ވަގަށް ނަގައިފަ އެެވެ.

މި މައްސަލާގައި ނަސްރު އަށް ހުކުމްކޮށްފައި ވަނީ އެއް އަހަރާއި ހަ މަހަށް ޖަލަށް ލުމަށެވެ.

މީގެ އިތުުރުން ގަދަކޯޅި ގޭގައި ހުރި ދޫނި ކޮށްޓަކުން ލަވް ބާޑްތަކެއް ވަގަށް ނެގި މައްސަލާގައި މާހިދު ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި ތިން މީހުން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.