ހިތަދޫ ބޮޑު މަގުގައި ޕީޕީއެމްއިން ހުޅުވާފައި ހުރި އެޕާޓީގެ މެދުދާއިރާގެ ޖަގަހަ، ރޭ ދަންވަރު ރޯކޮށް އެތަނުގައި ހުރި އިލެކްޓްރޯނިކް ސާމާންތަކެއް އަންދާލައިފިއެވެ.
ހިތަދޫ ބޮޑުމަގުގެ ރީތި ފޮޓޯ ކައިރީގައި ހުރި މިޖަގަހަ ރޯކޮށްލާފައިވަނީ ފެންލައިޓުން ޕެޓްރޯލް އެޅުމަށްފަހުކަމަށް ގަބޫލް ކުރެވޭކަމަށް ޕީޕީއެމްއިން ބުނެއެވެ.
ޕީޕީއެމްގެ ކޯޑިނޭޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ މިހާދިސާގައި އެތަނުގައި ބޭނުން ކުރަމުންދިޔަ ސައުންޑް ސިސްޓަމާއި، ޕްރޮޖެކްޓަރ އަދި ބައެއް ތަށިތަކާއި ހިފައި ގެންގުޅޭ ސާމާން އެއްކޮށް އަނދައި ހުލިވެފައިވާކަމަށެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން އިތުރަށް ތަހްގީގު ކުރަމުން އަންނަ އިރު މިހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައި ނުވެއެވެ.
ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ތެރޭގައިވެސް ޕީޕީއެމްގެ ޖަގަހަ ތަކަށާއި، މައި އޮފީހަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފައި ވެއެވެ.