ސ. ގަމާއި ސްރީ ލަންކާގެ ކޮލޮމްބީ އާ އާ ދެމެދު 199 ޑޮލަރަށް ދެކޮޅަށް ދަތުރު ކުރެވޭ ޚާއްސަ ފެއައެއް މޯލްޑިވިއަނުން ތައާރަފްކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ އަދި ވަކި މުއްދަތެއް ނެތް ގޮތަށް ގަމާއި ކޮލޮމްބޯ އާ ދެމެދު ދެކޮޅު ޓިކެޓެއް 199 ޑޮލަރު (3068.58ރ.) އަށް މިހާރު ލިބޭނެ ކަމަށެވެ. އަދި ފުރުމުގެ 10 ދުވަސް ކުރިން ޓިކެޓް ނަގަން ޖެހެ އެވެ.
ނޯމަލް ފެއާގައި ދެކޮޅު ޓިކެޓެއް ވިއްކަނީ 269 ޑޮލަރު (4،147.98ރ.) އަށެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް އަލީ ނަޝާތު ވިދާޅުވީ ގަމާއި ކޮލޮމްބޯ އާ ދެމެދު ހަފުތާ އެކު ދެ ދަތުރު ބާއްވާ އިރު، ލިބޭ ތަރުހީބު އަދި ކުޑަ ކަމަށެވެ.
އެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދަތުރުތަކަށް ލިބޭ ތަރުހީބު ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަމާއި ކޮލޮމްބޯ އާ ދެމެދު ދަތުރުތަށް ފެށީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ.