ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ދަތުރުކުރުމަށް ހާއްސަ ވެހިކަލެއް ވިލާ ފައުންޑޭޝަނުން ހަދިޔާކޮށްފި އެވެ.
ވިލާއިން ހަދިޔާކުރި ވޭން ރަސްމީކޮށް ސްކޫލާއި ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު ސްކޫލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
ޝަރފުއްދީން ސްކޫލުގެ އިސްއޮފިޝަލަކު މިއަދު ވިދާޅުވީ ވިލާއިން ހަދިޔާ ކުރި ވޭނަކީ 15 ކުދިންފގެ ޖާގައިގެ ވޭނެއް ކަމަށެވެ. އަދި މިވޭނަކީ ވީލް ޗެއާގައި އުޅޭ ކުދިންނަށް ވެސް ފަސޭހައިން ވޭނަށް އެރޭގޮތަށް ފަރުމާ ކޮށްފައިވާ ވޭނެއް ކަަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޝަރަފުއްދީން ސްކޫލްގައި މިވަގުތު ހާއްސަ އެހީއަށް ބޭނުންވާ 7 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށް ސްކޫލުން ބުނެއެވެ.
މިވޭނަކީ މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި އޭރުގެ ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ޝަރަފުއްދީން ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްކޫލްގެ ވެރިންނާއި ބެލެނިވެރިން ބައްދަލުކޮށް އެދުނު އެދުމަކަށް ހަދިޔާކުރެއްވި ވޭނެކެވެ. އަދި މީގެ އިތުރުންވެސް ސްމާޓް ބޯޑާއި، ލެޑްޓީވީ ފަދަ ތަކެތި ސްކޫލަށް ވަނީ ހަދިޔާކޮށްފައެވެ.