ރިއާސީ އިންތިހާބްގައި ވާދަކުރައްްވާ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ދާދި ފަހުން އެ ޕާޓީ އާ ގުޅުނު ސަންދާނު އިބްރާހިމް ލުޠުފީ މިއަދު ހެނދުނު އައްޑު އަށް ވަޑައިގެންފި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ޖަމީލް އާއި ލުޠުފީ އައްޑު އަށް ކުރައްވާ ދަތުރުގައި މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އައްޑޫގައި މަޑު ކުރައްވާނެ ކަމަށެވެ. އަދި އައްޑޫގައި ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ދެ ބޭފުޅުން އަމަލީ ގޮތުން ބައިވެރިވާނެ ކަމަށެވެ.
ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވި ރިއާސީ އިންތިހާބްގައި ޕީޕީއެމް އަށް މުޅި އައްޑޫން ލިބިފައި ވަނީ 2،395 ވޯޓެވެ. އެއީ ވާދަ ކުރި ކެންޑިޑޭޓުންގެ ތިން ވަނަ އެވެ.