Last Updated: June 8, 21:45
Monday, June 8, 2026
ސިޔާސީ

5،000 ޓޫރިސްޓުންގެ ރިސޯޓެއް ހަދާނަން: ޑރ. ޖަމީލް

އިތުރު ރަށެއް އުފައްދައިގެން ނަމަވެސް އައްޑޫގައި 5،000 ޓޫރިސްޓުންގެ ޖާގައިގެ ރިސޯޓެއް ޕީޕީއެމްގެ ސަރުކާރެއްގައި ތަރައްގީކޮށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މަރަދޫ "ބޮޑުގެ" ގޯޅިތެރޭގައި މިއަދު ހަވީރު ޕީޕީއެމްގެ "ސަނީ ޖަގަހަ" ހުޅުއްވައި ދެއްވުމަށް ފަހު ޑރ. ޖަމީލް ވިދާޅުވީ އައްޑޫ ފުރިހަމަ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރާނީ މުޅި ރާއްޖެ އަށް ލާމަސީލް ނަމޫނާއަކަށްވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"އައްޑޫގަ މިހާރު ތަރައްގީވެފަ ހުރި ރިސޯޓްތަކުގެ އިތުރުން އައްޑޫގެ މި ބައްރުގެ މި ހިސާބުގަނޑުގައި ހިތަދޫގަ އާއި އަދި މި ސަރަހައްދުގަ ހުރި އަޅުގަނޑުމެންނަށް ފެންނަން ހުރި ޖާގައިގެ ތެރެއިން އިރާދަކުރެއްވިއްޔާ އިތުރު ރަށެއް އުފައްދައިގެން ނަމަވެސް، މަދުވެގެން 5،000 ފަތުރުވެރިންނަށް ޖާގަ ލިބޭ ފަދަ ގޮތަކަށް އަޅުގަނޑުމެން އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރާނަން." ޑރ. ޖަމީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދީގެން އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫއެއް ވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ވެސް ހިމެނޭ ގޮތަށް ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް އަދި ވިދާޅުވީ އައްޑު އަށް ގެނެވޭ ތަރައްގީއަކީ އަސާސީ ހުރިހާ ހިދުމަތްތަކެއްގެ ތެރެއިން ގެނެވޭ ތަރައްގީ އަށް ވެސް ވާން ޖެހޭ ކަމަށެވެ. އެގޮތުން ސާފު ބޯ ފެނާއި ނަރުދަމާގެ ހިދުމަތަކީ ލަސްވުމެއް ނެތި ރައްޔިތުންނަށް ލިބެން ޖެހޭ ހައްގެއް ކަމަށް ވިދާޅުވި އެވެ.