Last Updated: April 27, 17:53
Saturday, April 27, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(ސެޕްޓެމްބަރު 13، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"ނޫނޭ އަހަރެމެން ޕާޓީ ބާއްވާނަން އީދު ކުޅިވަރު ވެސް ކުޅޭނަން ދޭ ގޮސް ހީނާ ގޮވައިގެން އާދޭ." ޔޫނުސް އަމުރުކޮށްލި އެވެ.

އުނައިސް ހިނިތުންވެލަމުން ނިކުމެގެން ދިޔައީ އެވެ. އުނަައިސް ހީނާމެންގެ އަށް ދިޔަ އިރު ޝާހިދު ރުޅި ގަދަވެފައި އިނެވެ.

"އަހަންނަށް އެނގޭ ތި އައީ ހީނާ ބަލާކަން ޔޫނުސް ބުނެގެން. އެކަމަކު އަހަރެންގެ ޝަރުތުތަކެއް އެބަ އޮތް މިކަމުގަ. މަ ބޭނުމެއް ނޫން ދެން ކަލޭ އޭނާގެ ފިރިއަކަށް ވާކަށް ތި ކުޅިވަރު ނިމިގެން މި ފޯމުގަަ ސޮއިކޮށްގެން ހީނާ ގެންނާތި." ޝާހިދު އުނައިސް ފެނުމާ އެކު ބުންޏެވެ.

"ތީ ކޮން ފޯމެއް؟"

"މިއީ ވަރިއަށް އެދޭ ފޯމް."

"އޯކޭ އަހަރެން ހީނާ އީދުގެ ކުޅިވަރަށްް ފަހު ގެންނާނީ މި ފޯމުގަ ސޮއިކޮށްގެން."

އެ ވަގުތު ހީނާ ވެސް ކޮޓަރިން ނިކުމެގެން އަ އެވެ. އަވި އައިނެއް އަޅާފައި ހުރުމުން އޭނާގެ ރޮއިރޮއި ދުޅަވެފައި ދެ ހުރި ލޯ އެއްވެސް މީހަކަށް ނުފެނުނެވެ. ކާރަށް އެރުމާ އެކު އުނައިސް ބުނަން ފެށި އެވެ.

"ހީނާ އަހަރެމެންގެ ކަންތައް ކިތަންމެ ކަޑަކޮށް އޮތަސް ގޭ މީހުންނަށް މިކަން އެނގުނަ ދީގެން ނުވާނެ ޕްލީޒް. އަހަރެންގެ އެންމެން ތިބީ ހީނާ އާ މެދު ވަރަށް ގަޔާވެގެން."

ހީނާ ޖަވާބެއް ނުދެ އެވެ. އެކަމަކު އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލި އެވެ.

އަނެއްކާވެސް އެ ގޭތެރެ ހީވަނީ އާ ކައިވަނީގެ ތައްޔާރީއެއް ވަމުންދާ ގެއެއް ހެންނެވެ. މިއުޒިކާއި ލަވަޔާއި އުފަލުގެ ފައްވާރާއެއް މުޅިގެ އަށް ވެރިވެފައިވެ އެވެ. އީދުގެ ކުޅިވަރާއި ހީނާ ގެއަށް އައުމުގެ އުފަލުގައި އެ ގޭގެ ކޮންމެ މީހަކު ވަނީ އުފަލުން ފޮޅިފަ އެވެ. އެވަގުތު އުނައިސް ލަވަ ކިޔަން ފެށި އެވެ.

"ކަލާ އައުމުން މި ގެއަށް ބަހާރު މޫސުމް އައިސްފި އެވެ.
މި ގޭގޭ ކޮންމެ މެމްބަރެއެއް ވަނީ ކަލާގެ އިންތިޒާރުގަ އެވެ.
އަހަރެން އުފާވެއްޖެ އެވެ. ޝުކުރިއްޔާ އެވެ.
ކަލާ އާ ނުލާ އަހަރެންގެ ރޭތައް ހާދަ އަނދިރި އެވެ.
އަދި ފަޅުކަން އެކުލެވުފައިވާ ދުވާތައް އަހަރެން ހޭދަ ކުރި ގޮތް ކިޔައި ދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
ކަލާ އައުމުން އަހަރެންގެ ހަޔާތަށް ބަހާރު އައިސްފި އެވެ. ޝުކުރިއްޔާ އެވެ."

އުނައިސްގެ ލަވަ ނިމުމާ އެކު ހީނާ ލަވަ ފެށި އެވެ.

"ކަލާ އެދުނީތީ އަހަރެން މި އައީ އެވެ.
އަހަރެންގެ ދުވަސްތަކާ ރޭތައް ވަނީ ކަލާ އާ ނުލާ އަނދިރިވެފަ އެވެ.
އަހަރެންނަށް ކަލާ މިލްކުވުމަށް ފަހު އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލް ވެއްޖެ އެވެ.
އަހަރެންގެ އަމިއްލަ ގެއަށް އާދެވުނީމާ އަހަރެން ހާދަ އުފާވެއްޖެ އެވެ."

ހީނާގެ ލަވަ ނިމުމާ އެކު ޔޫނުސް ލަވަ ފެށި އެވެ. ހުރިހާ ކުދިން އަޖާއިބު ވި އެެވެ.

"އަހަރެން މިއަދު ވަރަށް އުފާވެއްޖެ އެވެ.
ލޮލުން މިއަދު ކަރުނަ އެބަ އާދެ އެވެ. އެކަމަކު އުފަލުގެ މުތީތަކެވެ.
އަހަރެންގެ ދަރިންގެ ހިނިތުންވުމުން ގެއަށް ބަހާރު މޫސުމް އައިސްފި އެވެ."

ހުރިހާ މީހުން ކައިރިވެލި އެވެ. އެކަކު އަނެކަކާ ކަރާ ކަރުޖައްސާ ސަލާމް ކުރަމުން ޕާޓީ ނިންމާލި އެވެ.

ހީނާ ހިމޭންކަމާ އެކު ވިސްނަމުން ދިޔަ އެވެ. އަހަރެންދެކެ މިހާ ލޯބިވާ ބަޔަކާ ގުޅުން އަހަރެން ކަނޑާލާނީ ފަހެ ކިހިނަކުން ބާވަ އެވެ؟ މިއީ މައިވަންތަ ކަމުގެ ގުޅުމެވެ. އެއްބަޑު އެއްބަފާ ކަމުގެ ގުޅުމެވެ. ލޯބިވާ ބައިވެރިޔާ އާ އެކު ވާ ގުޅުމެވެ. އުނައިސް ގެ އެންމެ ސޮޔަކުން މި ހުރިހާ ގުޅުން ކެނޑިދާނެ އެވެ. އާއެކެވެ. މިއީ ގޯހެކެވެ. މިއިން އެއްވެސް ގުޅުމަކީ ކެނޑެން ޖެހޭ ގުޅުމެއް ނޫނެވެ. އަހަރެން އަނބުރާ ގެއަކަށް ނުދާނަމެވެ. ވަރިވާކަށް ވެސް ބޭނުމެއް ނޫނެވެ.

އޭރު އެ ފޯމްތައް ހިފައިގެން މޭޒު ކައިރީ ގަލަން ވެސް ހިފައިގެން އުނައިސް އިނެވެ.

(ނުނިމޭ)