މި މަހުގެ 28 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވައި ކޮމިޝަނަރި އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙުމަދު ސަޢުދީ އާއި ހެޑް އޮފް ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙުމަދު ޝަމީމް އާއި އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އާއި ޔުނިޓްތަކުގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެ ވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ސަލާމަތީ އެންމެހައި ކަންކަން ބެލެހެއްޓުމަށް ފުލުހުން ވާންޖެހޭ ތައްޔާރީތަކާގުޅޭ ގޮތުންނެވެ.
އެގޮތުން އިންތިޚާބުގެ ދެވަނަ ބުރު ބާއްވާ އިރު މިހާރުގެ ހާލަތު އިތުރަށް ދިރާސާކޮށް އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާ އެކު މަސައްކަތްތައް ރޭވުމަށް ކޮމިޝަނަރު އޮފް ޕޮލިސް އެދިވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ފުލުހުންނަކީ އަބަދު ވެސް ނަމޫނާ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި އަމިއްލަ ކަން ކަމަށް ވުރެ ވެސް ޤައުމީ މަސްލަހަތު ޙިމާޔަތް ކުރުން ކުރިއަށް ނެރެން ޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ އެންމެހައި މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަން ޖެހޭނީ ޤާނޫނު އަސާސީ އާއި ފުލުހުންގެ ޤާނޫނާއި އަދި އެހެންވެސް ޤާނޫނީ ހަމަތަކުގެ މަތިން ޤާނޫނީ އިމުގެ ތެރެއިންކަން ޚާއްސަ ގޮތެއްގައި ފާހަގަ ކުރެއްވި އެވެ.
ސީޕީ ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން އަދާކޮށްފައިވާ ދައުރު ފާހަގަކޮށް ފުލުހުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.