Last Updated: June 8, 21:45
Monday, June 8, 2026
ސިޔާސީ

އެއްގަލަކަށް އަރަން ކެރޭނެ: ޑރ. މުނައްވަރު

ގައުމުގެ މުސްތަގުބަލަށްޓަކައި އެންމެން އެއްގަލަކަށް އަރަން ޖެހޭ ވަގުތު، އެކަން ކުރުމުގެ ކެރުން އެބަ ހުރި ކަމުގައި ކުރިން އެމްޑީޕީގެ ރައީސްކަން ކުރެއްވި އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން އަލުން ނަޝީދު ހޮވަން ނިންމައިފި ކަމަށާއި ރައްޔިތުންނަށް ދެކޮޅު ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ދެވަނަ ބުރަށް ދިޔަ ކެނޑިޑޭޓުންނާ ގުޅުވައިގެން ދީނޭ ކިޔައިގެން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވީ މުސްލިމްވަންތަކަމުން ދެ ކެންޑިޑޭޓުން މިނުމުގެ ޖާގައެއް ނެތް ކަމަށެވެ. އަދި ދިވެހިން އަބަދުވެސް ގަބޫލު ކުރާނީ އިސްލާމް ދީން ކަމަށް އެވެ. މި ސަބަބަށްޓަކައި މިއަދު އެއީ މައުޞޫއުއަކަށް ހަދައިގެން ވާހަކަ ދެއްކުމުއް ނެތް ކަމަށް ވިދާޅުވި އެވެ.

ވަރަށް ބުރަ މަސައްކަތުން ގެނެވުނު އިސްލާހީ ބަދަލުތައް ފުރިހަމަ ކުރެވޭނީ ކޮން ކެންޑިޑޭޓަކަށްތޯ ވިސްނަން ޖެހޭކަން ފާހަގަ ކުރައްވަމުން ޑރ. މުނައްވަރު ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަން ބަދަލު ކުރީ އެ ބޭފުޅާ އަށް ދެން ގައުމަށްކޮށް ދެވޭނެ ކަމެއް ނެތް ކަމަށް ގަބޫލުކޮށްގެން ކަމަށާއި އެހެން ނަމަވެސް އަދިވެސް އެ މަނިކުފާނު އަމިއްލަފުޅަށް އެކަމެއް ގަބޫލު ނުކުރާ ކަމަށެވެ.

އަދި ރައީސް މައުމޫނުގެ ނުފޫޒު އޮތް ސަރުކާރެއް އޮންނަން ބޭނުން ނުވާ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

މިއަދު ދިވެހި ރައްޔިތުން ބާރުވެރިކޮށްފައިވާ އިރު، އެ ރައްޔިތުން ލީ ވޯޓުން ގެނައި ބަދަލުތަކަށް ޑރ. މުނައްވަރު އަލިއަޅުވައިލެއްވި އެެވެ. އިސްލާހީ ބަދަލުތައް ފަހަތަށް ދިޔުމުގެ ފުރުސަތު ދެވެން ނެތް ކަމަށާއި، ކުރިން ރާއްޖެ ކޮންޓްރޯލް ކުރި ގޮތަށް އެ ބޭފުޅުންގެ މަންފާއަށް ގައުމު ހިންގަން ދޫކޮށްލެވެން ވެސް ނެތް ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

އިދިކޮޅު ކެނޑިޑޭޓު އަބްދުﷲ ޔާމީން އިގްތިސާދީ މާހިރެކޭ ބުނާ ބުނުމާއި ބަހުސް ނުކުރާނެ ކަމަށާއި އެހެން ނަމަވެސް އިގްތިސާދީ ވުޒާރާގެ މިނިސްޓަރު ކަމުގައި ހުރި ދުވަސްވަރުގެ ރިކޯޑް އަދިވެސް އޮތީ ފެންނަން ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

އަދި ނަޝީދާ ސިޔާސީ ކަންކަމުގައި ޚިޔާލުތަ ފާތުވުން ހުންނަ ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. އެއީ އެންމެން ގުޅިގެން ގެނައި ސިޔާސީ ނިޒާމުކަމަށާއި އެކަމުގެ ފައިދާ އެންމެނަށް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.