Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫން ފުވައްމުލަކަށް ޑްރަގްސް!

އައްޑޫން ފުވައްމުލަކަށް ގެންދިޔަ ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހޯދައިފި އެވެ.

ފުލުހުން މި ތަކެތި އަތުލައިގެންފައި ވަނީ ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އައްޑޫން ފުވައްމުލަކަށް ދިޔަ ފެރީއަކުން ގެނައި ފޮށިގަނޑެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

މި ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސް ކުރި ކުރި އިރު އެ ފޮށިގަނޑު ތެރޭގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބާމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވެ އެވެ.

މި ފޮށިގަނޑަކީ އެ ފެރީން ގެނައި މުދާތައް ފުވައްމުލަކަށް ބޭލުމުން އެ މުދާތަކުގެ ތެރޭގައި ހަވާލު ނުވެ ހުރި ފޮށިގަނޑެވެ.

މި މައްސަލަ އާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.