Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

މަލީހުގެ ރައްދު އެމްޑީޕީ ޕީޖީއަށް: ގާނޫނު ޝަރަހަ ކުރައްވަނީ ނުބައިކޮށް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅުމުން އެ މެމްބަރުންނަށް މިނިސްޓަރ މަލީހު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީ ޕީޖީގެ 10 މެމްބަރަކު ސޮއިކޮށް މަލީހުގެ އިތުބާރު ނެތްކަމަށް ޕާލިމެންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މުޙައްމަދު މަލީހް ހައްދަވާފައި ނުވާކަމަށް ވިދާޅުވެއެވެ.

މަލީހު ވަނީ ޓްވިޓާގައި ކޮމިއުނިކޭޝަން ހިނގާ ގޮތް ސާފުވާނެގޮތަށް ފްލޯ ޗާޓަކާއި އެކު އެކަން އެމްޑީޕީ މަޖްލިސް މެމްބަރުންނަށް އޮޅުން ސާފުވާވަރުކޮށްފައެވެ.

"ތިޔަ ހަވާލާދެއްވާފައިވާ ގާނޫނު ނުބައިކޮށް ޝަރަހަ ތިޔަ ކުރައްވަނީ، އެކަން އިސްލާހް ކޮށްލައްވާ. ތިޔަ މައްސަލަ ވައްދާކަމަށް ވާނަމަ ވައްދާނީ މިނިސްޓަރު ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ޙައްޤެއް ޓީވީ ޕްރޮގްރާމެއްގައި ބޭނުން ކޮށްގެން ކަމަށް ލިޔުއްވީމަ ރަނގަޅު ވާނެ." މަލީހު ޓްވިޓާގައި ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުން މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕާލިމެންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ދާދި ފަހުން ވީޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަޖްލިސް މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް މަލީހު ވިދާޅުވުމާއި ގުޅިގެންނެވެ.