Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މީކާއިލް ގޮވައިގެން މިނިސްޓަރު މަލީހު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިމިވަނީ އޭނާގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ހުށަހެޅުއްވީ 10 މެމްބަރުންގެ ސޮޔާއެކު ކަމަށްވާއިރު އެ މައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވީ މެމްބަރު މީކާއިލް އެވެ.

އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީހު ހައްދަވާފައި ނުވާކަމަށް ވިދާޅުވެއެވެ.

ނަމަވެސް މަލީހު ތުހުމަތު ކުރައްވާ ގޮތުގައި މިއީ ޓީވީ ޕްރޮގްރާމެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ހުށަހެޅުއްވި މައްސަލައެކެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމަށެވެ. އަދި މިއީ ޑިމޮކްރެސީގެ އަސާސްތައް ފުނޑުފުނޑުކޮށްލުން ކަމަށާއި މިއީ ނުރައްކަލުގެ ރަނގަބީލެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

"މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނަން" މަލީހު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިމިވަނީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް ޓީވީ ޕްރޮގްރާމެއްގައި މަލީހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަލީހުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ ސޯޝަލް މީޑިއާގައި އަމާޒުވެގެން ގޮސްފައެވެ.