އައްޑޫ ސިޓީ ގަން އެއާޕޯޓަކީ އެ ސިޓީގެ ރައްޔިތުންގެ އުއްމީދު ކަމަށާއި، އެ އެއާޕޯޓުން ނަފާ ލިބޭނެ ގޮތް އަންނަ އަހަރު ހަދައިދިނުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.
ދައުލަތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް މިއަދު ބަހުސް ކުރައްވަމުން އަހުމަދު ވިދާޅުވީ އައްޑޫ އެއާޕޯޓަކީ ރާއްޖޭގައި ފުރަތަމަ އެޅުނު ބައިނަލްއަގުވާމީ އެއާޕޯޓުތަކުގެ ތެރެއިން އެއާޕޯޓެއް ކަމަށާއި އެގޮތުން 2008 ވަނަ އަހަރު އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުނު ކަމަށެވެ.
ނަމަވެސް މިއަދުވެސް އެ އެއާޕޯޓު އޮތީ އޭރު އޮތް ހާލަތުގައި ކަމަށާއި އެކަން އަންނަ އަހަރު ބަދަލުކޮށްދިނުމަށް އަހުމަދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
"އެއާޕޯޓަކީ އައްޑޫ ރައްޔިތުންގެ އުއްމީދު. ކަމާބެހޭ އެންމެހާ ފަރާތްތަކަށް، އައްޑޫ ސިޓީ ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން ގޮވާލަން 2021 ވަނަ އަހަރު މި އެއާޕޯޓުގެ ނަފާ އައްޑޫ ސިޓީގެ ރައްޔިތުންނަށާއި މުޅި ރާއްޖޭގެ އިގްތިސާދަށް ނަފާ ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކޮށްދެއްވުމަށް" އަހުމަދު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އައްޑޫ ގަން އެއާޕޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށަން ހިމަނާފައެވެ.
މީގެއިތުރުން އަހުމަދު ވަނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓު ޓްރާންޝިޕްމެންޓް ބަނދަރަކަށް ބަދަލުކޮށް، އިރުމަތީ އެފްރިކާ އާއި ދެކުނު އޭޝިއާ ގުޅުވާލަދޭ ހަބަކަށް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ ބަނދަރުން ރާއްޖޭގެ އުފެއްދުންތެރިކަން، ވަކިން ހާއްސަކޮށް މަސްވެރިން ބާނާ މަސް އެކްސްޕޯޓު ކުރެވޭނެ ގޮތަކަށް އަންނަ އަހަރު ތަނަވަސްވެގެން ދިޔުމަކީ މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެއިން ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އަންނަ އަހަރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) އާސަންދައިގެ ހިދުމަތް ލިބި، ރައްޔިތުންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުވެ، އައްޑޫގެ ރައްޔިތުންނާއި މުޅި ދެކުނުގެ ރައްޔިތުންނަށް އެކަމުގެ މަންފާ ލިބޭނެ ގޮތަށް ކަންކަން ބައްޓަންކޮށްދިނުމަށް ވެސް އަހުމަދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އޭގެ އިތުރުން 10 އަހަރުވެފައިވާ އައްޑޫގެ ނަރުދަމާގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ވެސް އަންނަ އަހަރު ނިންމައިދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ.