Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ކުޑަ އިންޓްރެސްޓުގައި ބީއެމްއެލްއިން ވެހިކަލް ގަނެދެނީ

އިތުރު ރަހުނަކާއި ނުލައި ކުޑަ އިންޓްރެސްޓު ރޭޓުގައި ވެހިކަލް ގަނެވޭ ލޯން ސްކީމެއް ބޭންކު އޮފް މޯލްޑިުވްސް (ބީއެމްއެލް) އިން މިއަދު ތައާރަފުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ދަށްކުރެވުނު އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް %15 އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެކަމަށެވެ. އަދި އިންޓްރެސްޓް ދަށްވުމާއެކު އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދުވެގެންދާނީ އެންމެ ކުޑަ އަދަދުގެ ގޮތުގައިަކަމަށަް ބޭންކުން ބުނެއެވެ.

ބޭންކުން ބުނީ މި ލޯން ނެގުމަށް އިތުރު އެއްވެސް އިތުރު ރަހުނެއް ބަހައްޓަން ނުޖެހޭނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށެވެ. އަދި މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އަދި މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފައެވެ.

މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ " މި ބަދަލާއެކު މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިން. މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ."

ވެހިކަލް ލޯނާއި ފައިނޭންސިންގ އަށް މިއަދު ގެނެވުނު ބަދަލުތަކާއެކު ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުވެސް ގަނެވޭނެއެވެ.

ބޭންކުން އަންނަނީ އެބޭންކުން ދޫކުރާ ލޯންތަކުގެ އިންޓްރެސްޓު ރޭޓު ދަށްކޮށް ގިނަ ބަޔަކަށް ލޯން ލިބޭނެ ގޮތް ފަހި ކުރަމުންނެވެ.