Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ބެލެނިވެރިންނަށް މިހާރު އިސްކަންދެވެނީ ސިޔާސީ ކަންކަމަށް

ކުދިންގެ ކިޔެވުމަށް ވުރެ އިސްކަމެއް މިހާރަކަށް އައިސް ބެލެނިވެރިންނަށް ދެވެނީ ސިޔާސީ ކަންކަމަށް ކަމަށް އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވެއްޖެއެވެ.

ރޭ ސްކޫލްގައި ބޭއްވި 2013 ވަނަ އަހަރުގެ ދަރަޖަ ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަދީމް ވިދާޅުވީ ސްކޫލްގައި ބާއްވާ ހަރަކާތްތަކުގައި ބެލެނިވެރިން ބައިވެރިވާ މިންވަރު ވަރަށް ކުޑަވެފައިވާކަމަށެވެ. އަދި ގިނަފަހަރު ސްކޫލުން އަންގާ އެންގުންތަކަށް ބެލެނިވެރިން އަޅާލުމުގެ ބަދަލުގައި ގިނައިން ފެންނަނީ ކޮންމެވެސް ސިޔާސީ ހަރަކާތެއްގެ ތެރެއިންކަމަށެވެ.

ނަދީމް ވިދާޅުވީ ބެލެނިވެރިންގެ ފަރާތުން މިހާރަކަށް އައިސް ކުދިންގެ ކިޔެވުމަށް އިސްކަންދެވޭ މަންޒަރު ފެންނަނީ ވަރަށް މަދުންކަމަށެވެ. އަދި ސްކޫލުން އަންގާ އެންގުންތަކަށް ބެލެނިވެރިންގެ ފަރާތުން ލިބެނީ ފިނި ތަރުހީބެއްކަމަށް ނަދީމް ފާހަނގަ ކުރެއްވިއެވެ.

ނަދީމް ވިދާޅުވީ ސްކޫލުން އަންގާ ބައްދަލުވުން ތަކަށް އައުމަށް އުޒުރުވެރިވި ނަމަވެސް ސިޔާސީ ޕާޓީތަކުން ބާއްވާ ރެލީ ތަކުންނާއި ކެމްޕެއިން ޖަގަހަތަކުން ބެލެނިވެރިން ފެންނަކަމަށެވެ. އަދި އެފަދަ ކަންކަމުގައި ބެލެނިވެރިން އަވަދިނެތި އުޅޭ މަންޒަރު މިހާރު ވަރަށް ގިނައިން ފެންނަމުންދާ ކަމަށެވެ.

އައްޑޫގައި ހުރި ހަމައެކަނި އޭލެވެލްއަށް ކިޔަވައިދޭ ސްކޫލުގައި މިހާރުވެސް 300 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދެއެވެ.