Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

އައްޑޫގެ ޕޯސްޓް އޮފީސްތަކުން ޕާސްޕޯޓް ދޫކުރަނީ

ފޭދޫގައި ހުޅުވާފައި ހުންނަ ޕޯސްޓް އޮފީސް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އައްޑޫގައި ހުޅުވާފައިވާ ދެ އޮފީހުން ނަން އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުމުގެ ހިދްމަތް ފަށައިފިއެވެ.

ޕޯސްޓް ލިމިޓެޑްގެ ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް މާކެޓިން އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ފޭދޫގައި ހުޅުވާފައިވާ ޕޯސްޓް އޮފީހާއި ހިތަދޫ ޕޯސްޓް އޮފީހުން މި މަހުގެ 10 އިން ފެށިގެން ނަން އީ ޕާސްޕޯޓް އާއި އިމެޖެންސީ ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ރަޝީދު ވިދާޅުވީ ޕޯސްޓް އޮފީސް މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް މިވަގުތު ނަން އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ބަލިހާލަތުހުރިގޮތުން ޕާސްޕޯޓާއި ހަވާލުވުމަށް އިމިގްރޭޝަނަށް ޚާޟިރު ނުވެވޭ 60 އަހަރުން މަތީގެ ބޭފުޅުންނަށް އެކަނި ކަމަށެވެ.

ނަމަވެސް އިލެކްޓްރޯނިކް ޕާސްޕޯޓްގެ އެޕްލިކޭޝަން ބަލައިގަނެ އިމިގްރޭޝަން މެދުވެރިކޮށް ޕާސްޕޯޓް ހެއްދުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ. އަދި ޕޯސްޓް އޮފީސް މެދުވެރިކޮށް ހައްދާ އިލެކްޓްރޯނިކްސް ޕާސްޕޯޓް ދޫކުރާނީ މާލެ އިމިގްރޭޝަނުން ކަމަށް ރަޝީދު ވިދާޅުވިއެވެ.

ޕޯސްޓް އޮފީހުން ފެށި މިހިދްމަތުގައި އައްޑޫން އިޝޫކުރާ ކޮންމެ ޕާސްފޯރޓް އަކަށް -/205ރ ގެ ޕޯސްޓޭޖް ފީ އެއް (ސެކިއާ ޕޯސްޓް މެދުވިރެކޮށް ފޮނުވުމަށް) ނެގައެވެ. އަދި ޕާސްޕޯޓް ބަލާއައުމަށް ކަޑާއެޅިފައިވާ ތަން ނޫން އެހެން ތަނަކުން ޕާސްޕޯޓް ދޫނުކުރެއެވެ.

ރަޝީދު ވިދާޅުވީ ފޯމު ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ޕާސްޕޯޓް ހަދައި ނިންމުމަށްފަހު ހަވާލު ކުރެވޭނެކަމަށެވެ.

ގަމުން ލަންކާއަށް ސީދާ ދަތުރުފެށުމާއި ގުޅިގެން އައްޑޫއިން ޕާސްޕޯޓް ހެދެން ނެތުމުން ގިނަ ބަޔަކު ވަނީ އެކަމާއި ޝަކުވާކޮށްފައެވެ.

ޕޯސްޓް އޮފީހުންވަނީ މާލެއާއި ހުޅުލޭގައިވެސް މިހިދްމަތް ދޭން ފަށާފައެވެ.