Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ނިއުކާސަލް ބަލިކޮށް ޗެލްސީ އެއްވަނަ އަށް

2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ޗެލްސީ އަރައިފިއެވެ.

މި މޮޅާއެކު ޗެލްސީ ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 9 މެޗުން ލިބުނު 18 ޕޮއިންޓާ އެކުއެވެ. ނިއުކާސަލް އޮތީ 11 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން ކުޅުނުއިރު މެޗުގެ 10 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލަކީ ނިއުކާސަލްގެ ފެޑެރީކޯ ފަނާންޑޭޒްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލަށްފަހު ޗެލްސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ވާނާ އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް ވާނާ ދިން ޕާހަކުން މެޗުގެ 65 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދީފައެވެ.

ނިއުކާސަލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ޗެލްސީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެގޮތުން އެޓީމުގެ ލޯންގްސްޓާފް ފޮނުވާލި އެ ހަމަލާ އަމާޒުވީ ޗެލްސީގެ ގޯލުގެ ހުރަސް ދަނޑި އަށެވެ.

މިއީ ލީގުގައި ޗެލްސީން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅު ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.