Last Updated: April 27, 22:41
Saturday, April 27, 2024
ވިޔަފާރި

މޯލްޑިވިއަންގެ ލަންކާ ފެއާއަށް ތަރުހީބް ބޮޑު!

މޯލްޑިވިއަންގެ އެއަބަސް ބޯޓުގައި ފަތުރުވެރިން ގަމަށް ފައިބަނީ. އައްޑޫލައިވް ފައިލް ފޮޓޯ: ޝަރަފް

ގަމާއި ލަންކާއި ދެމެދު މޯލްޑިވިއަން އިން ފެށި ހާއްސަ ފެއާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ ގަމާއި ލަންކާ އާއި ދެމެދު ކުރިން ބޮޑު ޑިމާންޑެއް ނެތް ނަމަވެސް އަލަށް ފެށި ފެއާގެ ސަބަބުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ނަޝާތު ވިދާޅުވީ ގަމާއި ކޮލޮމްބޯ އާ ދެމެދު ހަފުތާ އެކު ދެ ދަތުރު ބާއްވާ އިރު، ލިބޭ ތަރުހީބު އަދި ކުޑަ ކަމަށެވެ. އަދި ފެއާގެ ސަބަބުން ކުރިއަށް އޮތް ދުވަސް ތަކުގައި ތަރުހީބް އިތުރު ވަމުން އަންނަ ކަމަށް ނަޝާތު ވިދާޅުވިއެވެ.

ގަމާއި ލަންކާ އާއި ދެމެދު ދެކޮޅު ޓިކެޓް ވިއްކަނީ 269 ޑޮލަރަށެވެ. ނަމަވެސް އަލަށް ފެށި ފެއާގައި ދެކޮޅު ޓިކެޓްގެ އަގަކީ 199 ޑޮލަރެވެ. މި ފެއާގައި ދަތުރު ކުރާ ފަރާތަކުން 10 ދުވަސް ކުރިން ޓިކެޓް ނަގަން ޖެހޭނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

އޮގަސްޓް 7 ވަނަ ދުވަހު ގަމާއި ލަންކާ އާއި ދެމެދު ސީދާ ދަތުރު ފަށާފައިވާ އިރު މޯލްޑިވިއަނުން ދަނީ ބޭރުގެ އެހެނިހެން ސަރަހައްދުތަކަށް ގަމުން ސީދާ ދަތުރު ކުރެވެނެ އިންތިޒާމް ހަމަޖައްސަމުންނެވެ.