ސ.ފޭދޫ ސިއްހީ މަރުކަޒުގެ ލެބޯޓްރީގައި ހަރުކޮށްފައި ހުރި އޭސީ ތައް ހަލާކުވެ، ބޭނުން ނުކުރެވުމުގެ ސަބަބުން ލެބޯޓަރީގައި ހުރި ކެމިކަލް ހަލާކުވަމުން ދިއުމާއި ގުޅިގެން އޭސީ މަރާމާތު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބް ވުމާއި ގުޅިގެން ކައުންސިލްގެ އެހީއަކަށް އެދުމުން ލެބޯޓަރީއަށް ބޭނުންވާ އޭސީ ކައުންސިލް ގަނެދޭން ފާސްކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދް ވިދާޅުވީ މަރުކަޒުން ހެލްތު މިނިސްޓްރީގައި ތަފާތު ފަހަރު މަތިން އެދުމުންވެސް ލެބޯޓަރީގައި މައްސަލަ ޖެހިފައި ހުރި އޭސީތައް މަރާމާތު ކޮށްދިނުމަށް އެހީތެރިކަން ނުލިބުމުން ކައުންސިލަށް ހުށަހެޅުމުން ފޭދޫގެ ރައްޔިތުންގެ ހައްގުގައި އެތަނަށް އޭސީ ގަނެދިނުމަށް ނިންމީކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ މަރުކަޒުން ހެލްތު މިނިސްޓްރީގައިވެސް އެދުނުކަމަށް. އެކަމަކު އެކަމެއް ނުވެގެން ކައުންސިލަށް ހުށަހެޅީ. އަޅުގަނޑުމެން ބެލީ ލެބޯޓަރީ ކަހަލަ ތަނެއްގައި ގިނަ އަދަދެއްގެ ކެމިކަލް ހުރެ އޭސީ ނެތުމުން އެތަކެތި ހަލާކު ވެދާނެތީ ފޭދޫ ރައްޔިތުންނަށް ލިބިދާނެ ބޮޑު ގެއްލުމަކަށް ބަލައި ކައުންސިލުން އޭސީ ގަނެދޭން ނިންމީ"
ފޭދޫ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އިހްތިޝާމް ނަޖީބް ވިދާޅުވީ ލެބޯޓަރީގައި ހުރި 2 އޭސީ ހަލާކުވެގެން އޭސީ ތަކެއް ހޯދުމަށް ކުރި މަަސައްކަތުން މިހާރު 1 އޭސީ ލިބި ހަރުކުރެވިފައިވާކަމަށެވެ. އަދި ދެވަނަ އޭސީއެއް ކައުންސިލުން ދޭން ނިންމިކަން އެނގިފައިވާކަމަށެވެ.
ފޭދޫ ސިއްޙީ މަރުކަޒަށް ގާސިމް އިބްރާހިމް ދެއްވި 350،000 ރުފިޔާގެ އެހީގެ ދަށުން މަރުކަޒަށް ބޭސް އަޅާ ކޮޓަރި އާއި އިދާރީ އޮފީސް އެއްކޮށް އިމަޖެންސީ ރޫމެއް ހަދައި ބައެއް ބަދަލުތައް ގެނައުމަށް ނިންމައި މިހާރުވަނީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއްލާން ކޮށްފައެވެ.