Last Updated: June 30, 19:07
Tuesday, June 30, 2026
ސިޔާސީ

އެމްޑީޕީން ފޭދޫގައި ޝޯވްއެއް ބާއްވަނީ

މިރޭ އެމްޑީޕީން ފޭދޫ ބަނދަރު ސަރަހައްދުގައި ބާއްވާ ޝޯވްއަށް ތައްޔާރުވަނީ؛ ފޮޓޯ: އަލީ ރަފީއު(ފޭދޫ ކަބަރަ ކޮމިއުނިޓީ)

އެމްޑީޕީން މިރޭ ފޭދޫ ބަނދަރުގައި މިއުޒިކް ޝޯވްއެއް ބާއްވާނެކަމަށް އެޕާޓީން ބުނެފިއެވެ.

ފޭދޫގެ އެމްޑީޕީ އިސް އޮފިޝަލަކު ވިދާޅުވީ މިރޭ ފޭދޫ ބަނދަރު ސަރަހައްދުގައި ބާއްވާ ޝޯވްގައި މަޝްހޫރު ލަވަކިއުންތެރިއާ މުޙްތާރު އާދަމް އާއި ކުޑަ އިއްބެގެ އިތުރުން ޓްރެފިކް ބޭންޑްއިން ކުޅޭނެކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޝޯވް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު ކަމަށެވެ.

ރިއާސީ އިންތިހާބްގެ ދެވަނަ ބުރަށް އެމްޑީޕީ "ބާރަށް ބާރަށް ކުރިއަށް" ފަށާފައިވާ ކެމްޕެއިންގައި މާލޭގައިވެސް މި ފަންނާނުން ދަނީ ދޭތެރެ ދޭތެރެއިން މިއުޒިކް ޝޯވް ބާްއްވާފައެވެ.

ޝޯވް ބޭއްވުމަށް ފޭދޫ އައިކެފޭއާއި ދިމާލުން ބަނދަރު ސަރަހައްދުގައި ވަނީ ބޮޑު ސްޓޭޖެއް ތައްޔަރުކޮށްފައެވެ. މި ހަފްތާތެރޭގައި އެޕާޓީން ތައްޔާރު ކުރަންފެށި ސްޓޭޖަކީ ދިގު މުއްދަތަށް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ސްޓޭޖެކެވެ.

ނަމަވެސް މިކަމަކީ ކައުންސިލްގެ ހުއްދަ ލިބިގެން ކުރާކަމެއް ނޫންކަމަށް އެރަށުގެ މީހުން ބުނެއެވެ.

މިކަމާއި ގުޅޭ ގޮތުން ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އައްޑޫ ސިޓީ ކައުންސިލްގައި ތިބެނީ އެމްޑީޕީއަށް ނިސްބަތްވާ 6 ކައުންސިލަރުންނެވެ.