Last Updated: May 7, 21:23
Tuesday, May 7, 2024
ކޮލަމް

އިންސާފު ގޭގައި ވެސް އިންސާފެއް ނެތް

އިބްރާހީމް މަނިކު (ގަމީހެެއް ނުލައި) ކޯޓުން ނިކުންނަ އިރު ފުލުހުން ހަރަކާތްތެރި ވަނީ. ފޮޓޯ/ ކިއުންތެރިއެއް.

އަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު ނުވަތަ ކޯޓުތަކަކީ އެންމެ އިތުބާރުކުރެވޭ އެއްތަން ކަމުގައި ވާން އެބަޖެހެއެވެ. ސަބަބަކީ ކޯޓުތަކަށް ދާންމިޖެހެނީ ގޮތްހުސްވެ ދެން ހަދާނެ އެއްގޮތްވެސް ނެތިގެންނެވެ. ނުވަތަ އެތަނަކީ ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބޭނެ ތަން ކަމުގައި ވާތީއެވެ.

އެހެންކަމުން މިތަން ވާންޖެހޭނީ ހުރިހާ ނުރަގަނޅު ކަންތަކުން ދުރުވެފައިވާ ހުރިހާ ޤާނޫނަކާއި ޤަވާއިދަށް ބޯލަބާ އެ ނަގަހައްޓަން މަސައްކަތްކުރާ ތަނަކަށެވެ. ޤާނޫނާއި ޤަވާޢިދުތަށް މުގުރާ، އެ އެއިހަނދަކަށް ފެތޭގޮތަށް އެކި ފަރާތްތަކަށް އެކިގޮތަށް ހަދާކަމުގައިވާނަމަ އަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ ބޭނުމެއް ނެތެވެ. އިންސާފު ގޭގައި އިންސާފެއް ނެތްކަމުގައިވާމަ އެހެން ފަރާތްތަކަށް ހޯދައިދެވޭނީ ކޮން އިންސާފެއްތޯއެވެ.

ކުޑަ މިސާލަކަށް ބަލާލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ފަހުން ހިނގާފައިވާ ހާދިސާއެކެވެ. އައްޑުއަތޮޅު ހިތަދޫ ސޯމާ އިބްރާހީމް މަނިކު ފަންޑިތަ ހަދާކަމަށް ތުހުމަތުކުރެވިގެން މިމަހުގެ ސާދަ ވަނަ ދުވަހު ބަންދާއިމެދު ގޮތެއް ނިންމުމަށްއެދި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރި ހާދިސާއަށް ބަލާލަމާ ހިނގާށެވެ.

އިބްރާހިމް މަނިކު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ވައްދާފައިވަނީ ގަމީހެއް ނުލައި ހުއްޓައެވެ. ގަމީސް ނުލައި ހުންނަ މީހެއް ކަމުގައި ވިޔަސް ނުވަތަ ނިވާކޮށް ހެދުން އަޅާ މީހެއްކަމުގައި ވިޔަސް ނުވަތަ ފަތުރުވެރިއެއްކަމުގައި ވިޔަސް ހަމަ އޮންނާނީ އެއް ޤަވާޢިދެކެވެ. އެއް ހަމައެކެވެ. ގިނަ މީހުންނަށް މިކަން ނޭގިވެސް ހިނގައިދާނެއެވެ.

"ކޯޓަށް ޙާޟިރުވާ ފަރާތްތަށް އަޅަންޖެހޭ ހެދުމާއިބެހޭ ޤަވާޢިދު" ގެ 1 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ކޯޓަށް ޙާޟިރުވާ ފަރާތްތަށް ކޯޓަށް ޙާޟިރުވާއިރު ކޯޓުގެ ހުރުމަތާއި އެކަށީގެންވާ ހެދުން އެޅުމަށް ސަމާލުކަން ދޭންވާނެކަމުގައި ބަޔާންކޮށް މި މާއްދާގެ (ހ) ގައި ކޯޓަށް ޙާޟިރުވާ ފަރާތްތަކުން ނިވާކަން ކުޑަ ހެދުން، ކުރު ސޯޓު، ގިރުވާނު ނުހުންނަ ޓީޝާޓު، ޓްރެކްސޫޓް އަދި އެކަށީގެން ނުވާފަދަ އިބާރާތް ހުންނަ ހެދުން އެޅުމަކީ މަނާކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.

މި މާއްދާއަށް ބަލާލުމުން އެގެނީ ކޯޓަށް ޙާޟިރުވާންވާނީ މުޖުތަމައުގެ އަދަބުތަކާއި ޚިލާފު ނުވާ ކޯޓުގެ ހުރުމަތާއި އެކަށީގެންވާ ހެދުމެއްގައި ކަމެވެ. އެހެން ނަމަވެސް އިބްރާހީމް މަނިކު ވަނީ ޤަވާއިދާއި ޚިލާފަށް ކޯޓަށް ވައްދާފައެވެ.

ހެދުމަށް ނުލައި އަންނަ މީހާ ކޯޓަށް ވައްދާފައި ހެދުން ލަައިގެން އަންނަ މީހާގެ ޓީޝާޓުގައި ގިރުވާނެއް ނެތުމުން ކޯޓުން ބޭރުކޮށްލުމަކީ އަޅުގަނޑު މިދަންނަވާ އިންސާފު ނެތްކަމުގެ ހެއްކެކެވެ. މިހެން ދެންނެވުމުން ބައެއް ބޭފުޅުން ހިތަށް އަރާފާނެއެވެ.

ފިރިހެނުންގެ އައުރަ އަކީ ފޫޅާއި ކަކުލާއި ދޭތެރެއެވެ. އެހެންވީމާ މައްސަލައަށް ނެތެެއް ނޫން ހެއްޏެވެ. އެހެން ކަމުގައި ވާނަމަ އަޅުގަނޑުމެންގެ ތެރެއިން ބުރުގާ ނާޅައި އައުރަ ކަޝްފުކޮށްގެން އަންނަ އަންހެނުން ކޯޓުތެރެއަށް ވެއްދިގެންވެސް ނުވާނެއެވެ. މިއީ އިސްލާމީ ނަޒަރަކުން ބަލާއިރުވެސް މިކަން އޮންނަންޖެހޭ ގޮތެވެ. މިއީ މިކަމުގައި އަޅުގަނޑުގެ ހިޔާލެވެ. މިލިޔުން ކިޔުމަށްފަހު ދެން ތިބޭފުޅުން އިންސާފުކޮށްލައްވާށެވެ.