ހިތަދޫ ރުއްޖެހެރަ ސަރަހައްދުގައި ހުރި މައި ކުނި ކޮށީގައި ރޯވެ އަނދަމުން އެބަދެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސެއިން ފަހުމީ ވިދާޅުވީ ކުނި ކޮށީގައި ރޯވުމުގެ ސަބަބުން އެސަރަހައްދުގައި ދުން ގަދަވެ ލިންކު ރޯޑުން ދަތުރު ކުރާފަރާތްތަކަށް އުދަނގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުނި ކޮށީގައި ރޯވެފައިވަނީ އެތަނުގައި ކުނި އަންދަން އުޅުމުގެ ތެރޭގައެވެ.
ފަހުމީ ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ކުނި ކޮށީގައި ރޯވި އަލިފާންގަނޑު ކައުންސިލާއި، ރޯޑް ކޯޕަރޭޝަން އަދި ކުނި ކޮށި ބަލަހައްޓާ ސަދަން މޯލްޑިވްސް އިން ގުޅިގެން ނިއްވާލާފައިވާކަމަށެވެ. ނަމަވެސް ފަހުން އިއްޔެ އަލުން ރޯވެ މިހާރު އަދަމުން ދާ ކަމަށެވެ.
"އަޅުގަނޑު މެން މިދަނީ މިހާރު ރޯޑް ކޯޕަރޭޝަންގައި އެދިގެން އެކްސްކަވޭޓަރެއް ހޯދުމަށް، ކުނި ކޮށީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވެން އޮތީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ގޮނޑު ހާވާލައިގެން" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކުނިކޮށީގައި ރޯވިކަން އެނގުމާއި އެކު އެކްސްކަވޭޓަރެއް ހޯދުމަށް ރޯޑް ކޯޕަރޭޝަންގައި އެދުނުކަމަށެވެ. ނަމަވެސް ފަހުން މައުލޫމާތު ލިބުނީ ތެޔޮ ނެތިގެން އެކްސްކަވެޓަރު ބޭނުން ނުކުރެވޭކަމަށެވެ.
"ރޯޑް ކޯޕަރޭޝަނުން ބުނީ އެކްސްކަވޭޓަރަށް އަޅާނެ ތެލެއް އެތަނުގައި ނެތްކަމަށް. އެހެންވެ ކައުންސިލުން ތެޔޮދީގެން މިއަންނަނީ މަސައްކަތް ކުރަން ތައްޔާރު ވަމުން"
ފަހުމީ ވިދާޅުވީ މިއަދު ކުނިކޮށީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވޭނެކަމަށެވެ.
ދޭތެރެ ދޭތެރެއިން ކުނިކޮށި ގައި ރޯވެ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަަކަށް ބޮޑު އުނދަގުލާއި ކުރިމަތިލާންޖެހއެވެ.
އައްޑޫގެ ކުނިކޮށި ރަންގަޅު ފެންވަރަށް ހިންގުމަށް އެދެވޭ މަސައްކަތެއް އަދި ކުރެވިފައި ނުވެއެވެ.