Last Updated: March 28, 21:43
Thursday, March 28, 2024
ރިޕޯޓް

ބަޅެއްގެ ނަގޫ ސަންފާއޮނަކަށްލިޔަސް ތެދެއް ނުވާނެއެވެ.

ކޮންމެ އިންތިޚާބެއް އައިސް ބޯމަތިވީމާ އެންމެ ގިނައިން އިވޭ އެއްވާހަކަޔަކީ އަތޮޅުތަކުގެ ތަރައްގީއާ ގުޅޭ ވާހަކަތަކެވެ. ވޯޓުލައި ނިމެންދެން ކޮންމެ ބަޔަކުވެސް ދައްކަނީ އަތޮޅު ތަރައްގީކުރާނެ ގޮތުގެ ވާހަކައެވެ. ތަރައްގީއަށް ފައިސާހޯދާނެ ގޮތުގެ ވާހަކަޔާއި އެފައިސާ ހޭދަކުރާނެ ގޮތުގެ ވާހަކައެވެ. މިހެންގޮސް އަތޮޅުތައް ގިރިޓީ ކުރަނީ ބަޔަކު އާސޯޚުވެ ތަލިން ކުޅުހިކޭ މިންވަރަށެވެ. އެކަމަކު ދުވަހަކުވެސް ކުލަޖެހުމެއްނެތެވެ. ހައްތާވެސް ވާހަކައެވެ. ހައްތާވެސް ދޮގެވެ. ހައްތާވެސް ހުވަފެނެވެ. ކިތަންމެ ގިނައިން މިވާހަކަ ދެއްކިޔަސް އަހަރެމެން ތިބެނީ ހެއްލިފައެވެ. ދައްކާ ކޮންމެ ވާހަކައެއް އަހަރެމެން ތިބެނީ ގަބޫލުކޮށްގެންނެވެ.

ސަރުކާރެއް ވެރިކަމަށް އަންނަނީ ވަކިއަތޮޅެއް ވަކިރަށެއް ތަރައްގީކޮށް ކުރިއަރުވާކަށް ނޫނެވެ. ވަކިސިޓީއެއްގެ މަސްލަހަތު ހިމާޔަތްކުރާކަށްވެސް ނޫނެވެ. މުޅިރާއްޖެއަކީ ސަރުކާރުގެ ޒިންމާއެވެ. ކޮޅުމަޑުލެކޭ އައްޑޫއެކޭ ހައްދުންމައްޗެކޭ ތަފާތެއް ނުވާނެއެވެ. ހައްތާވެސް ދިވެހިރާއްޖެއެވެ. ހައްތާވެސް ދިވެހިންނެވެ. މިއީ އެންމެންގެ ރާއްޖެއެވެ. އެންމެންގެ ސަރުކާރެވެ. މިހަގީގަތް އެންމެންވެސް ގަބޫލުކުރަން އެބަޖެހެއެވެ. އެކަމަކު އިންތިޚާބުތައް ބޯމަތިވީމާ ކެންޑިޑޭޓުންވެސް އަދި ރައްޔިތުންވެސް މިކަން ހަނދާނެއް ނުހުރެއެވެ. ކެންޑިޑޭޓުން ވައުދުވަނީ ނުކުރެވޭނޭ ކަންކަމަށެވެ. މިކަން އެންމެބޮޑީ އައްޑުއަތޮޅުގައެވެ. މިޒަމާނުގެ ގިނަބަޔަކު މިކިޔާ އައްޑޫސިޓީގައެވެ.

އެންމެފަހުގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސާލިހާއި ފައިސަލް ނަސީމުގެ ފަރާތުން އައްޑޫ ރައްޔިތުންނަށް ހުށައެޅި ތަރައްގީގެ ޕްލޭން ކޮބައިހެއްޔެވެ؟ އެ ޕްލޭން ތަންފީޒުކޮށް ނިމުނީބާވައެވެ. ޕްލޭނުގެ ހަނދާންހުރި މީހަކުވެސްނެތެވެ. ކުރާކަމެއްވެސްނެތެވެ. ކަމެއްކުރާނަމަ ފެންނާނެތާއެވެ. އޭގެފަހުން ރައްޔިތުންގެ މަޖިލީހުގައި އައްޑޫއަށް ނިސްބަތްވާ ހުރިހާ ގޮނޑިއެއްވެސް ސަރުކާރަށް ދީފީމެވެ. ތަރައްގީ ހަލުވިކުރުމަށާއި ކަންކަމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. ވީކަމެއް ހަރާމެވެ. އަދިވެސް ދައްކަނީ ވާހަކައެވެ. މިހެންތިއްބާ ލޯކަލް ކައުންސިލް އިންތިޚާބު އައިސް ބޯމަތިވެއްޖެއެވެ. ދެންވެސް ދައްކަނީ ވާހަކައެވެ.

މިހާރު އެންމެ ބޮޑަށް އިވޭ އަޑަކީ ކުރިޔަށްއޮތް ވިހިއެކާވީހަށް ސަރުކާރުން އެކަށައެޅި ބޮޑު ބަޖެޓުގެ އަޑެވެ. ވެރިރަށް މާލެފިޔަވައި އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫއަށޭ އެބަކިޔައެވެ. އައްޑޫ ސިއްހީ ނިޒާމާއި އައްޑޫ ދަތުރުފަތުރާއި އައްޑޫ އެވެނި އެއްޗަކާއި މިވެނި އެއްޗަކަށް މިލިޔަނުން މިލިޔަނުން ހޭދަކުރާނެ ވާހަކަ އެބަކިޔައެވެ. މިއީ އަންނައަހަރުގެ ވާހަކަ ދައްކައިގެން ލޯކަލް އިންތިޚާބަށް ކުރާ ކެމްޕޭނެކެވެ. އެކަމަކު މިބަޖެޓް އައްޑޫއަށް ޚާއްސަ ނުކުރާ އަހަރެއް ފާއިތުވެގެން ގޮސްފައިވޭބާވައެވެ. ކޮންމެ ސަރުކާރެއް އޮތަސް އެންމެ ބޮޑު ބަޖެޓް އައްޑޫއަށެވެ. އެކަމަކު އެއީ ހަމައެކަނި ކަރުދާހުން ފެންނަ އެއްޗެކެވެ.

ސަރުކާރުގެ ވެރިންނާއި އެކި ދާއިރާތަކުގެ މަޖިލިސް މެންބަރުން ޓީވީތަކަށް އަރައި ވާހަކަ ދައްކާއިރު ތަފާސްހިސާބުތައް ހުށައަޅައެވެ. އެވެނި އަދަދެއް މިވެނި އަދަދެއް ހޭދަކޮށްފީމޭ މިއީ ރާއްޖޭގެ ރިކޯޑޭވެސް ބުނެއެވެ. އެކަމަކު ރައްޔިތުން އޭގެ ތެދުދޮގެެއް ނުބަލައެވެ. ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތައް އެއްކޮށް ބަލައި ހާވައި އެވެރިން ދައްކާ ވާހަކަތަކުގެ ސައްހަކަން ކަށަވަރެއްވެސް ނުކުރެއެވެ. މީޑިޔާއަކުންވެސް އެކަމެއް ނުކުރެއެވެ. އެހެންވީމާ ދޮގުހެދިޔަސް ގެއްލުމެއް ނެތްތާއެވެ. ދޮގުނުހަދައި ތެދަށް ވާހަކަ ދައްކައިގެން ފަރުޖެއްސޭން އޮންނަ ހާލަތުގައިވެސް ހަދަނީ ދޮގެވެ. ހަވީރުގަޑީގައި ވާހަކަ ދައްކަނީ މެންދުރު ދެއްކި ވާހަކަ ނަފީކޮށްފައެވެ. ދޮގުހެދުން އޮތީ އެވަރަށް އާއްމުވެފައެވެ.

ސިޔާސީ މީހުން އެވަރަށް ދޮގުހަދަނީ ރައްޔިތުން އެފުރުސަތުދޭތީއެވެ. ދޮގުހަދައި ކަންކަން އޮޅުވައިލުމަށް ތަރުހީބުދޭތީއެވެ. ފުރުސަތުދެންޏާ ދޮގުހަދާނެއެވެ. މާކެޓްކުރެވެންއޮތް އެއްޗަކީ ދޮގުކަމަށްވަންޏާ ދޮގުހަދާނެއެވެ. އެއީ ޔަގީންކަމެކެވެ. މިކަމަށްއޮތް ހައްލަކީ ދޮގު މާކެޓްވިޔަ ނުދިނުމެވެ. ހެކިނެތް ކަންކަން ގަބޫލުނުކުރުމެވެ. ތިޔަހަދަނީ ދޮގޭ ބުނާން ކެރުމެވެ. އޭރުން ރައްޔިތުންގެ ދަރުބާރަށް ނިކުމެ ދޮގެއްހަދާނީ ވަރަށް ބޮޑަށް ވިސްނައި ފިކުރުކޮށްފައެވެ. ރައްޔިތުންގެ ފަރާތުން މިކަމަށް ފާރަރިވާނީ މީޑިއާއިންނެވެ. މީޑިއާއިން ކަންކަން ރިޕޯޓްކުރާނީ ކްރޮސް ޗެކްކޮށްފައެވެ. މީހަކު ބުނާހާ އެއްޗެއް ބުނާހާގޮތަކަށް ނޫނެވެ.

ދޮގުހެދުމާއި އޮޅުވައިލުން ސިޔާސީ ދާއިރާއާ ގުޅި ލާމެހިފައި މިއޮތީ ވަކިނުކުރެވޭހާވެސް ބޮޑަށެވެ. ހަމައެކަނި މިރާއްޖެއަކު ނޫނެވެ. ހުރިހާތަނެއްގައިވެސް އެކަންއޮވެއެވެ. އެކަމަކު ދޮގާއި މަކަރާއި ހީލަތާއި ޒިންމާއިން ރެކިގަތުމަކީ ސިޔާސީ އެންމެ ރިވެތި އާދަކަމަށް ބެލުން މިރާއްޖެހާ ބޮޑު އެހެންތަނެއް ވަރަށް ނުފެނެއެވެ. އަމިއްލަ ޒިންމާއިން ރެކިގަތުންވެސް ލާމަސީލެވެ. ވައުދު ނުފުއްދެނީ ކޮންމެވެސް ބަޔަކާހެދިއެވެ. އެބަޔަކާހެދި ހަމައެއްކަމެއްވެސް ނުކުރެވެނީއެވެ. ބައެއްފަހަރު ޔާމީނާއި ޗައިނާއާހެދިއެވެ. އަނެއްބައިފަހަރު އިންޑިޔާއާއި ނަޝީދާހެދިއެވެ. މިޒާތަށް ޒިންމާއަޅުވާނެ ބަޔަކު ފަސޭހައިން ދެއްކޭން ނެތިއްޔާ ކޮންމެވެސް އަޑީ ދައުލަތަކާހެދިއެވެ.

މިއަދުގެ ދުނިޔޭގައި މައުލޫމާތު ހޯދުމަކީ ވަރަށް ފަސޭހަކަމެކެވެ. އެވެނި ދާއިރާއެއްގެ މިވެނި މަސައްކަތަކަށް ހޭދަކުރެވުނީ ކިހައިވަރެއްކަން އެމައުލޫމާތަށް އެދިގަތީމާ ލިބޭނެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ގާއިމް ކުރެވިފައިވަނީ އެބޭނުމުގައެވެ. ރާއްޖޭގެ ތަފާސް ހިސާބުގެ އަރުޝީފަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ވަޒީރުންނާއި އިދިކޮޅު ޕާޓީތައްކަމުގައި ބަލާމީހާޔަށް ދުވަހަކުވެސް ތެދު މައުލޫމާތެއް ނުލިބޭނެއެވެ. އެމީހުން ތެދެއް ނަހަދާނެއެވެ. ތެދު މައުލޫމާތު ހާމައެއް ނުކުރާނެއެވެ. ސިޔާސީ މީހުންގެ މިސާލަކީ ބަޅެއްގެ ނަގޫ ސަންފާއޮނަކަށްލިޔަސް ތެދުނުވުމުގެ މިސާލެވެ.