Last Updated: April 20, 11:49
Saturday, April 20, 2024
ރިޕޯޓް

ފްލައިން ސްކޫލް މައްސަލަ: ބަޔާން ނެރުމަށްފަހު ހަޔާ އެޑިއުކޭޝަން އަތް އުރާލައިގެން!

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން - ފޮޓޯ: މިހާރު

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ހުރި މައްސަލަތަކަށް ހައްލު ގެންނަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެންގި އެއްވެސް އެންގުމަކަށް މިހާތަނަށް ހައްލެއް ލިބިފައި ނުވާތީ އެ ސްކޫލްގެ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން އަދި އެތަނުގައި ހުރި މައްސަލަތައް ހައްލުކުރަން އަންގައި ބަޔާނެއް ނެރުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އެގޮތުން އެ ބަޔާނުގައި ވަނީ ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށާއި، އެއްވެސް އެއަރކްރާފްޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ނުވަތަ ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއަރކްރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށް ގެންދިޔުމުގެ އިތުރަށް ދަރިވަރުންގެ އަތުން ބޭރު ފައިސާ އިން ފީ ނުނެގުމަށް އަންގާފައެވެ.

އެ ބަޔާން ނެރުނުތާ މަސް ދުވަސް ވެފައިވާއިރު އެ ސްކޫލްގެ ދަރިވަރަކު ބުނީ ޑޮލަރުން ފައިސާ ދެއްކުމުގެ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށާއި ބަޔާން ނެރުނު ފަހުން ވެސް ސްކޫލުން ހަޔާ އެޑިއުކޭޝަން ބުނެފައިވާ ގޮތާއި ހިލާފަށް އެތައް ދަރިވަރުންނެއްގެ އަތުން ޑޮލަރުން ފީ ނަގާފައިވާ ކަމަށެވެ.

"މިހާ ދުވަހަށް ވެސް ޑޮލަރު ލިބެމުން މި އަންނަނީ ސްކޫލުން ދެމުން އަންނަ ސިޓީ ހިފައިގެން ދިޔުމުން ބޭންކުން ސްކޫލަށް ޑޮލަރު ދޫކުރަމުން ދަނީ. ކޮވިޑްގެ ހާލަތާއެކު ބޭންކުން ވެސް ޑޮލަރު ލިބުން މިހާރު ދަތި. މިކަމާ ގުޅިގެން ވެސް ދަރިވަރުންގެ ކޯހަށް މަޑުޖެހުން އެބަ އާދޭ" ދަރިވަރަކު ބުންޏެވެ.

އެހެން ދަރިވަރަކު ބުނިގޮތުގައި މީގެކުރިން ވެސް ޑޮލަރުން ފައިސާ ދައްކާ ގޮތަށް އަންނައިރު، ރުފިޔާ އިން ދެއްކި ނަމަވެސް ސްކޫލުން މައްސަލައެއް ޖައްސާފައެއް ނުވެއެވެ. ނަމަވެސް މިހާރު އޮތީ ޑޮލަރުން ނޫން ގޮތަކަށް ކޯހުގެ ފީ ބަލައިނުގަންނާނެކަން މެއިލްގެ ޒަރިއްޔާ އިން އަންގާފައި ކަމަށްވެސް އެ ދަރިވަރު ބުންޏެވެ.

ރާއްޖޭގެ މަނިޓަރީ ގަވާއިދު ބުނާގޮތުން ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި، މަސައްކަތުގެ އަގާއި، ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި، އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

މީގެއިތުރުން ސީޕީއެލް ޗެކްރައިޑް އަޅަން ގެންގުޅުނު ބޯޓު ވެއްޓުމާއި ގުޅިގެން ސްކޫލުން އަންނަނީ އެހެން ބޯޓެއްގައި ދެ ގުނަ އަގު ބޮޑުކޮށް ޗެކްރައިޑް އަޅުވަން މަޖުބޫރު ވެސް ކުރަމުން ކަމަށް ދަރިވަރަކު ބުންޏެވެ. އަދި ބަޔާނުގައިވާ ފަދައިން އިތުރު އެހެން އެއަރކްރާފްޓެއް ގެންނަން މަސައްކަތް ނުކުރާ ކަމަށްވެސް ދަރިވަރުން ހާމަކުރެއެވެ.

"ބޯޓު ވެއްޓުމުން އެހެން ބޯޓެއްގައި ޗެކްރައިޑް އެޅުވި ނަމަވެސް ބަޔާނުގައި ހުރި ގޮތަށް ފީ ސްޓްރަކްޗަރ ހުރި ގޮތަށް އަސްލު ކުރިން ބޯޓުގައި ހުރި އަގު ދޭންވާނެ ކަމަށް ގަބޫލުކުރަނީ. އެއީ ނޫންތޯ އިންސާފަކީ؟" ދަރިވަރަކު ބުންޏެވެ.

ހަޔާ އެޑިއުކޭޝަން ސްކޫލްގައި ހުރި މައްސަލަތައް ހައްލުކުރަން އަންގައި ބަޔާނެއް ނެރުނުތާ މަސް ދުވަސް ވެފައިވާއިރު، އެއްވެސް ކަމަކަށް ހައްލެއް ނުލިބި ދަރިވަރުންނަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ސްކޫލުން ހަ ދަރިވަރަކު ވަކިކުރުމާއި، ފުލުފުލުގައި ދަރިވަރުންނަށް އަންނަނީ ވަކި މުއްދަތެއްގައި ކޯސް ނިންމުމަށާއި އަދި އެ މުއްދަތުގައި ނުނިމިއްޖެނަމަ ވަކިކުރާނެ ކަމުގެ އިންޒާރުގެ މެއިލްތައް ވެސް ލިބެމުންނެވެ.

ބަޔާނެއް ނެރެ މީޑިޔާއަށް ދޫކޮށްލުމުން އަދި ޒިންމާ އަދާ ކުރެވުނީއެއް ނޫނެވެ. ޒިންމާ އަދާ ކުރެވުނު ކަމަށް ވާނީ ބަޔާނުގައިވާ ކަންކަން ސްކޫލުން ހައްލު ކުރަމުންދޭތޯ ކައިރިން ބަލަމުންވެސް ދިޔުމުންނެވެ. ނަމަވެސް ބަޔާން ނެރުނުތާ މަސް ދުވަސްވީއިރު ފެނިގެންދަނީ ހަޔާ އެޑިއުކޭޝަނުން ބަޔާން ނެރުމަށްފަހު އަތް އުރާލައިގެން ތިބި މަންޒަރެވެ. ދަރިވަރުންނަށް މިކަމުން ލިބުނު ފައިދާއެއް ވެސް ނެތެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ހަޔާ އެޑިއުކޭޝަންގެ ބަޔާނަކީ "އަމާބުނީތީ ފަރަށް" ދާ އުސޫލުން ނެރުނު ބަޔާނެކެވެ.