Last Updated: April 27, 08:54
Saturday, April 27, 2024
ކުޅިވަރު

ބަޔާން އާއި ސިޓީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް މެންޗެސްޓަރ ސިޓީ އާއި އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިއުނިކު ދަތުރުކޮށްފިއެވެ.

ގްރޫޕް އޭ ގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކުން ވަނީ ރެޑްބުލް ސަލްޒްބާގްގެ މައްޗަށް 3-1 އިން ކުރި ހޯދާފައެވެ. މި މެޗުގައި ބަޔާންގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އާއި ކިންގްސްލީ ކޯމަންގެ އިތުރުން ލީރޯއި ސާނޭ އެވެ.

މި މޮޅާއެކު ބަޔާން ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 5 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ގްރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ލޮކޮމޯޓިވް މޮސްކޯ އެވެ. އަދި އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައި އޮތީ ސަލްޒްބާގް އެވެ.

ގްރޫޕް ސީ ގައި ރޭ ރަށުން ބޭރުގައި ކުޅެ ސިޓީން ގްރީސްގެ އޮލިމްޕިއާކޯސްގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. އެގޮތުން މި މެޗުގެ ހަމައެކަނި ގޯލު ސިޓީ އަށް މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.

މި ނަތީޖާއާއެކު ދެވަނަ ބުރުން ސިޓީން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 9 ޕޮއިންޓާއެކު ޕޯޓޯ އޮތްއިރު، ގްރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ އޮލިމްޕިއާކޯސް އެވެ. އަދި ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ މާސޭ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެޓަލާންޓާ އިން ވަނީ ލިވަޕޫލްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ. މި ނަތީޖާއާއެކު ވެސް ގްރޫޕް ޑީ އެއްވަނައިގައި 9 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. އަދި ބާކީ އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެން ވެސް ލިވަޕޫލަށް އަނެއް ބުރަށް ދެވޭނެއެވެ.

އަދި ގްރޫޕް ބީ ގައި ރޭ އިންޓަ މިލާންގެ މައްޗަށް ރެއާލް މެޑްރިޑުން ވަނީ 2-0 އިން ކުރި ހޯދާފައެވެ. މި ނަތީޖާއާއެކު 7 ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ އަށް ރެއާލް އެރިއިރު އެއްވަނައިގައި 8 ޕޮއިންޓާ އެކު އޮތީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ. އިންޓަ އޮތީ ދެ ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައެވެ.