Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

ދެކޮޅު ނުބެލުމާއި ދެކޮޅު ނުޖެހޭ ގަވާއިދު!

އައްޑޫ ސިޓ، ފޭދޫ. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ކުރިޔަށްއޮތް ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ބޮޑު ޗުއްޓީ ފެށޭނެއެވެ. ޗުއްޓީ ނިމި ދަރިވަރުން އައު އަހަރުގެ ކިޔެވުން ފެށުމަށް ސްކޫލްތަކަށް ހާޒިރުވާން ޖެހޭނީ ޖެނުއަރީ މަހުގެ ދިހަވަނަ ދުވަހުއެވެ. އެހެންވީމާ މިފެށެނީ ތިރީސްހަތް ދުވަހުގެ ދިގު ޗުއްޓީއެކެވެ. މިއީ ހަމައެކަނި ދަރިވަރުންގެ ޗުއްޓީއެއް ނޫނެވެ. މިއީ ބެލެނިވެރިންގެވެސް ބޮޑު ޗުއްޓީއެވެ. ޗުއްޓީ މިއަންނަނީ ކޮރޯނާޔާހެދި ދިވެހިރާއްޖެއާއި ދިވެހިން ފުރަބަންދުވެ އެމީހަކު ހުރިތަނެއްގައި ހައްޔަރުވެ ބޮޑުވެގެންވާ އާފާތެއްގެ ތެރެޔަށް ގެނބުނުތާ އަހަރުވާން ކައިރިވެފައިވަނިކޮށެވެ.

މިހާގިނަދުވަހު އެއްތަނެއްގައިތިބެ ފޫހިވީފަހުން ލިބޭ ޗުއްޓީއަކަށްވީމާ ދަރިވަރުން ތިބީ މާހައުލު ބަދަލުކޮށްލުމުގެ އުއްމީދުގައެވެ. ކޮންމެވެސް ރަށަކަށް ދިއުމުގެ އުއްމީދުގައެވެ. ބެލެނިވެރިންގެ ތެރެއިން ގިނަބަޔަކުވެސް ތިބީ ދަރީން ގޮވައިގެން ކޮންމެވެސް ރަށަކަށް ދިއުމުގެ އުއްމީދުގައެވެ. އެކަމަކު ކޮރޯނާގެ ބިރުވެރިކަން އަދިވެސް ބޮޑެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފައިވާ ކަންކަން ގިނަގުނައެވެ. ހެދިފައިވާ ގަވާއިދުތައްވެސް ގިނަގުނައެވެ. އެހެންވީމާ އެންމެ ކައިރިގޮތަކީ މިފަހަރުގެ ބޮޑު ޗުއްޓީ ހަގީގީ ޗުއްޓީއަކަށްނުވެ ބޮޑު ވޭނަކަށް ވުމެވެ.

ގައުމުގައި ބޮޑުވެގެންވާ ވަބާއެއް ފެތުރިފައިވަނިކޮށް ޗުއްޓީހެދުން މުހިއްމެއް ނުވާނެއެވެ. މުހިއްމުވާނީ މިވަބާއިން ވީހާވެސް އަވަހަށް އަރައިގަތުމެވެ. އެޗްޕީއޭއިން ހަދާފައިވާ ގަވާއިދުތަކަށް އަމަލުކުރުމެވެ. އެކަމަކު އުފެދޭ ސުވާލަކީ އެޗްޕީއޭއިން ހަދާފައިވާ ގަވާއިދުތަކުން ނަތީޖާ އެބަނެރެވޭތޯއެވެ. އެގަވާއިދުތައް ދެކޮޅުޖެހޭތޯއެވެ. ދެކޮޅުނުޖެހޭ ގަވާއިދުތަކަށް ތަބާވުން ލާޒިމުތޯއެވެ. ވަބާއެއް ފެތުރިފައި އޮތުމަކީ ދެކޮޅުނުޖެހޭ ކަންކަމުގައި މަތިޖަހައި ފޮރުވުމަށް އޮންނަ ހުއްޖަތެއްތޯއެވެ. ނޫނެކެވެ. ވަބާއެއް ފެތުރިފައިއޮތަސް ނެތަސް ދެކޮޅުނުޖެހޭ ކަންކަންވާނީ ދެކޮޅުނުޖެހޭ ކަންކަމަށެވެ.

ކޮރޯނާ ފެތުރިފައިވާ ތަނެއްގައި އުޅޭ މީހަކު ކޮރޯނާ ފެތުރިފައިނުވާ ރަށަކަށް ދަންޏާ ސާދަދުވަހުގެ ކަރަންޓީނަކަށްދާން އެބަޖެހެއެވެ. މިއީ މައްސަލައެއް ނޫނެވެ. މިއީ ބަޔަކު ޝަކުވާކުރަންޖެހޭ ކަމެއްވެސް ނޫނެވެ. އެކަމަކު މައްސަލަޔަކީ މިކަމުގައި އިސްތިސްނާކުރުންތަކެއް ހިމެނުމެވެ. ކޮރޯނާ ވައިރަހަކީ ވަކި މީހަކު އިސްތިސްނާކޮށްގެން ބަލިޖައްސާ ވައިރަހެއް ނޫނެވެ. އެކަމަކު ކޮރޯނާޔާ ދެކޮޅަށް ހެދިފައިވާ ގަވާއިދުތަކުގައި އިސްތިސްނާކުރުންތައް ވަރަށް ގިނައެވެ. މިފަދަ އިސްތިސްނާކުރުންތަކުގައި ދެކޮޅުޖެހުމެއްވެސް ނެތެވެ. ހާމަކުރެވޭތޯ މަސައްކަތް މިކުރަނީ އެނުގުތާއެވެ.

މިޗުއްޓީގެ ތެރޭގައި އިސްކަންދަރު ސްކޫލުގައި ކިޔަވާ ދަރިވަރާއި އެދަރިވަރުގެ ބެލެނިވެރިޔާ މާލޭގައި ތިބެފައި އައްޑުއަތޮޅަށް ދިޔައީމާ ދަތުރުކުރާ ދުވަސް ނުހިމަނައި ސާދަ ދުވަހުގެ ކަރަންޓީނެއްގައި ތިބެން ޖެހޭނެއެވެ. ކަރަންޓީނު ފިލާއިރު ޗުއްޓީގެ ދެބައިކުޅައެއްބައި އޮންނާނީ ފާއިތުވެގެން ގޮސްފައެވެ. ދަރިވަރުގެ ބޭބެ ވަޒީފާ އަދާކުރަނީ އެމްޓީސީސީގައެވެ. އޭނާއަށް ކަރަންޓީނުވުމަކާ ނުލައި ހަތަރުފަސް ދުވަހު އެބަހުރެވެއެވެ. އެބޭބެ އިނދެގެން އުޅެނީ ބޭރު ޑޮކްޓަރަކާއެވެ. ފަތުރުވެރިއެއްގެ ގިންތީގައި ގޮސް ކަރަންޓީނުވުމަކާ ނުލައި އެމީހާޔަށް ބޭނުން މުއްދަތަކަށް ހުރެވޭނެއެވެ. މި ގަވާއިދު ދެކޮޅުޖެހޭ ބާވައެވެ.

ނޫނެކެވެ. އެއްގޮތަކަށްވެސް ނުޖެހެއެވެ. ކޮރޯނާ ވައިރަހަކީ ދަރިވަރެއް ބެލެނިވެރިޔެއް މުވައްޒަފެއް ދޮނެއް ކަޅެއް ވަކިކުރަން ދަންނަ އެއްޗެއް ނޫނެވެ. އެތައް މިލިޔަން ބަޔަކަށް ކޮރޯނާ ޖެހިފައިވާ ގައުމަކުން ފަތުރުވެރިޔެއްގެ ގިންތީގައި އަންނަ މީހާޔާއި އެތައް ސަތޭކަ ބަޔަކު ޕޮޒިޓިވްވެފައިވާ ހުޅުލޭ އެއަރޕޯޓުގެ މުވައްޒަފު ކަރަންޓީނުވާން ނުޖެހި އިސްކަންދަރު ސްކޫލުގެ ދަރިވަރާއި އޭނާގެ ބެލެނިވެރިޔާ ކަރަންޓީނުވާން މަޖުބޫރު ކުރުމަކީ ހެއްވާކަމުގެ ކޮޅުނެތްކޮޅެވެ. ދެކޮޅުނުޖެހުމުގެ ލާމަސީލު މިސާލެކެވެ. މިފަދަ ގަވާއިދަކަށް އަމަލުކުރަން މަޖުބޫރެއްވެސް ނުކުރެވޭނެއެވެ. މަޖްބޫރު ކުރެވިގެންވެސް ނުވާނެއެވެ.

ކުޑަ މިސާލެކެވެ. އައްޑޫއަށް އެއްފުލައިޓެއްގައި ދިޔަ ހަތަރު މީހުންނެވެ. މިތަނުން ދެ މީހުންނަކީ ދަރިވަރަކާއި އޭނާގެ މަންމައެވެ. ތިންވަނަ މީހަކީ ހުޅުލޭ އެއަރޕޯޓުގައި ވަޒީފާއަދާކުރާ މީހެކެވެ. ހަތަރުވަނަ މީހަކީ ވިލާތު ފަތުރުވެރިއެކެވެ. ދެންވާގޮތަކީ ވިލާތު މީހާ ގެސްޓްހައުސްއަށް ދާންވީއެވެ. ބޭނުންތާކަށްވެސް ގޮސް އުޅެންވީއެވެ. އެއަރޕޯޓު މީހާ އެއައީ ނަމުން ވަޒީފާޔާ ގުޅޭ ކަމެއްގައެވެ. ބަލައި އައި މީހާގެ ސައިކަލު ފަހަތުގައި އޭނާ ގެޔަށް ދާންވީއެވެ. ދެން ފަސްދުވަސް ވަންދެން ބޭނުންގޮތަކަށް އުޅެންވީއެވެ. ދަރިވަރާއި ބެލެނިވެރިޔާއަކީ ކޮރޯނާ ހިފައިގެން އައިބައެއްކަން އޮތީ އިއުލާނު ކުރެވިފައެވެ. އެދެމައިން ހައްޔަރަށް ގެންދިއުމަށްޓަކައި ބަޔަކު ބަނދަރުގައި ތިބޭނެއެވެ.

ޑރ ނަޒްލާ ރަފީގުމެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވިޔަސް މިކަހަލަ ގަވާއިދުތަކުން ނުކުންނަ ނަތީޖާ ރަގަޅެއް ނުވާނެއެވެ. މިހާލަތުގައި ޗުއްޓީ ހޭދަކުރަން އުޅުންވާނީ ހަގީގަތުގައިވެސް ބޮޑުވޭނަކަށެވެ. އެކަހަލަ ވޭނަކަށް ނުގޮސް އެބަޔަކު ތިބިތަނެއްގައި ޖެހުނު ހާލެއްގައި ދެންވެސް ތިބުމުގެ ފަސޭހަކަމާއި ހެޔޮކަން ބޮޑެވެ. އިހުގެ މުސްކުޅިން ބުނާބަހެކެވެ. ހަލާދަނޑީގެ ދެކޮޅު ބަލާށެވެ. މުރާދަކީ ކަމެއްކުރަންވާނީ ހުރިހާ ފަރާތަކަށްވެސް ވިސްނައި އެއިން ލިބިދާނެ ގެއްލުމަކަށް ބަލައިގެންނޭ ބުނުމެވެ. ކޮރޯނާ ކޮންޓްރޯލް ކުރުމުގެ ގަވާއިދުވެސް ހަލާދަނޑީގެ ދެކޮޅު ބަލައިގެން ހެދިނަމަ މިވާހަކަ ދައްކާކަށެއް ނުޖެހޭނެއެވެ.