Last Updated: June 30, 18:04
Tuesday, June 30, 2026
ރިޕޯޓް

ގުރުއަތު ނުނެގި ފޭދޫ ހައުސިން ޔުނިޓް ވީރާނާ ވަނީ!

ފޭދޫ ހައުސިން ޔުނިޓްތައް. ފޮޓޯ: އައްޑޫލައިވް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފޭދޫގައި އިމާރާތް ކުރި 25 ފްލެޓް ކައުންސިލާއި ހަވާލުކުރިތާ ދެ އަހަރަށް ވުރެ ގިނަވީއެވެ. ބޯހިޔާވަހިކަން ހޯދުމަށް އެދިގެން ތިބި މީހުނަށް އެތަނަށް ވަދެވޭނެ ދުވަހެއް ނޭގެއެވެ.

އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދު ހާއްސަ އިސްކަމެއް ދެއްވައިގެން ފޭދޫގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދެއްވީ ގިނަ ސަބަބުތައް ހުރެގެންނެވެ. ފޭދޫގެ ރައްޔިތުން ބޭނުންވެގެން ތިބި ބޯހިޔާވަހިކަން ފަސޭހަ ގޮތަކަށް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ.

ފޭދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތި ލުމަށް އެތައް ފަހަރަކު އިއްލާން ކުރިއެވެ. ފޯމުތައް އިވެލުއޭޓް ކޮށް ގުރުއަތާއި ހިސާބަށް ދެވުނު ވަރެއްވެސް ނޭގެއެވެ. އެކަމަކު އެއްވެސް ފަހަރަކު ގުރުއަތު ނެގޭގޮތް ނުވެއެވެ.

ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ކައުންސިލުން ދެފަހަރަކު އެކައްޗެއް ނުކިޔާތީއެވެ. ހައުސިން ޔުނިޓްތަކާއި ގުޅޭގޮތުން ރަސްމީ ވާހަކައެއް ކައުންސިލުން ދައްކާ އަޑު ނީވޭތީއެވެ. ގުރުއަތުލާނެ ރަސްމީ ދުވަހެއް ކައުންސިލުން ނުބުނާތީއެވެ.

ފްލެތްތަކާއި ގުޅިގެން ފޭދޫ ރައްޔިތުން ވަނީ މިރުޒާދުއާއި ބައްދަލުކޮށްފައެވެ. މޭއި 26 ވަނަ ދުވަހު ފޭދޫ އޮފީހުގައި އެރަށުގެ ޒުވާނުން ކޮޅެއް މިރުޒާދުއާއި ބައްދަލުކުރުމުން ވިދާޅުވީ ޖޫން މަހުގެ ތެރޭގައި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެކަމަށެވެ. ނަމަވެސް މިހާރު 3 މަހަށް ވުރެ ގިނަ ދުވަސް ފާއިތުވީއެވެ. އެކަމާއި ގުޅޭ މަސައްކަތެއް ކައުންސިލުން ކުރި ކަމެއް ނޭގެއެވެ.

ފްލެޓްތަކާއި ގުޅޭ ގޮތުން ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަން ވީރާނަ ވަމުން ދިއުމުގެ ކަންބޮޑުވުމެވެ. އެތަނުގެ ތަޅު ހަޅާކުކޮށްލައިގެން ބަޔަކު ވަދެ އެތަނުގައި "ދިރިއުޅެފައި" އެބަހުއްޓެވެ. އެތަނުގައި ހަރުކޮށްފައި ހުރި ބައެއް ތަކެތި ވަގަށް ނަގައި ވިއްކާފައި އެބަހުއްޓެވެ. ކައުންސިލްގެ ހަރަދުގައި 24 ގަޑި އިރު އެތަނުގައި ސެކިއުރިޓީ ކުރާއިރު، އެތަނުގައި އެއްވެސް ރައްކާތެރި ކަމެއް ނެތެވެ. ގުރުއަތު ނަގައި ފްލެޓް ލިބިގެން ވަންނަން ބަލާއިރު އެތަނުގެ ހާލަތާއި މެދު ޝައްކު އުފެދެއެވެ.

ބައެއް މީހުން ބުނާ ގޮތުން ފޭދޫގައި އެޅި ފެލެޓްތަކަކީ އެރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ބޭނުން ކުރެވޭނެތަނެއް ނޫނެވެ. އެތަން ބޭނުން ނުކުރެވި ވީރާނާވެ ނެތިގެންދާނީއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ފްލެޓް ތަކަށް މީހުން ވެއްދުމުގެ ގާބިލް ކަން އައްޑޫ ސިޓީ ކައުންސިލްގައި ވޭ ބާވައެވެ؟