Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

"ކުނި ކޮއްޓަށް ޖަމާކުރާ ކުނި ނެއްތޭކަށް ނެތް"

ކުނި ކޮށީގައި ރޯވި އަލިފާން ގަނޑުން ލިންކު ރޯޑް ފުރިފައި.

އައްޑޫގެ މައި ކުނި ކޮއްޓަށް ޖަމާކުރާ ކުނި ނައްތާލެވޭނެ ގޮތެއް ނެތް ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން ރުއްޖެހެރަ ސަރަހައްދުގައިވާ މައި ކުނި ކޮށީގައި ރޯވި އަލިފާންގަނޑުން އަރާ ދުމުން ލިންކު ރޯޑް ދުއްވުމަށް ދަތިތަކާ ކުރިމަތިވެފައިވެ އެވެ.

ސޯބެ ވިދާޅުވީ ކުނިކޮއްޓަށް ޖަމާ ކުރަމުން އަންނަ ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިގޮތަށް ކުނި ގޮޑުގައި ރޯވާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެން އޮތީ ހަރުދަނާ ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމް ކުރެވިގެން ކަމަށެވެ.

އައްޑޫގެ މައި ކުނި ކޮށި ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ހިތަދޫގެ ކުންފުންޏަކާއި އެވެ. އެކުންފުނިން ކުނި ކޮށި ބަލަހައްޓަމުން ގެންދާއިރު އެތަނުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ގާއިމް ކުރެވިފައި ނެތެވެ.

އެހެންވެ ކުނި ކޮށީގައި އެތައް އަހަރެއްވެފައިވާ ކުނި ތައް ފުނި ޖެހިފައެވެ. އަދި ދޭތެރެ ދޭތެރެއިން ކުނި ކޮށީގައި ރޯވުމުގެ ހާދިސާ ހިގާފައި އެބަ ހުއްޓެވެ.

ކުނި ކޮށި ބަލަހައްޓަމުން އަންނަ ކުންފުނިން ބުނީ އެތަނަށް ޖަމާ ކުރާ ކުނި އެކުންފުނިން އަންދާނުލާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ކުނި ކޮށީގައި ރޯވި ސަބަބެއް ނޭގޭ ކަމަށް އެކުންފުނިން ބުނެއެވެ.

ލިންކު ރޯޑާ އިންވެގެން އޮންނަ ކުނި ކޮށީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ސިޓީ ކައުންސިލާއި ހިތަދޫގައި އޮންނަ ސިވިލް ފަޔާއިން މަަސައްކަތް ކުރަމުން އަންނަ އިރު މިހާރު ކޮންމެވެސް ވަރަކަށް އަލިފާންގަނޑު ވަނީ ކޮންޓްރޯލްވެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުނި ނައްތާލުމާ ގުޅޭ ގޮތުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ތައިލެންޑަށް ޒިޔާރަތްކޮށް އެ ގައުމުގައި ކުނި ނައްތާ ގޮތް ބަލާފަ އެވެ. އަދި އައްޑޫގައި ކުނިން ހަކަތަ އުފެއްދުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.