Last Updated: April 27, 10:17
Saturday, April 27, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(ސެޕްޓެމްބަރު 19، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"އާނ އޭނާވީ ޑުބާއީގައެއްނު. އަހަރެން ހަނދާން އެބަހުރި ޑުބާއީ އަށް ދިޔައީ އަނބުރާ އަންނާކަށް ނޫން. އެކަމަކު ބައްޕަގެ މިކަންތަކާ އޭނާ އެ އަންނަނީ. މި މައްސަލާގަ އިދުރީސްއަކީ ބައްޕަގެ ފަހުގެ އުއްމީދު. މިކަންތައް ފެއިލް ވެއްޖެއްޔާ ވާނެ ގޮތެއް ވެސް ނޭނގޭ."

"ދެން ވާނީ ކިހިނެތް؟" އައިޝާ އައިސް އުނައިސް ގައިގައި ބައްދާލަމުން ރޯން ފެށި އެވެ.

"ދެރަ ނުވޭ ކޮއްކޯ. ހުރިހާ ކަމެއް ރަނގަޅު ވެދާނެ." ދެބެއިން ރޮމުން އެކަކު އަނެކަކުގެ ކަރުނަ ފޮހެ ދެމުން ދިޔަ އެވެ. މިއީ ހިތްދަތި މަންޒަރެކެވެ.

އެ ވަގުތު އުނައިސްމެންނަށް ފެނުނީ ބަޔަކު އެއްވެ ތިބެ މީހަކަށް ތަޅައި އަނިޔާ ކުރާ މަންޒަރެވެ. އުނައިސް ވަގުތުން އެ ތަނަށް ދިޔަ އެވެ.

"އަހަރެމެންގެ މަސައްކަތް ހުއްޓުނީ މި މީހާގެ ސަބަބުން. މި މީހާވީ މަރާލަން." އެއްވެ ތިބި މީހުން ގޮވަމުން ދިޔަ އެވެ. އުނައިސް ދޭތެރެ އަށް ވަދެ ބަލާލި އެވެ .ވަރަށް ރަހުމު ކުޑަ ގޮތެއްގައި އަނިޔާ ލިބެމުން ދަނީ ދެނެ ފަރިތަ މީހަކަށެވެ. އާއެކެވެ. ދެވަނަ މީހަކަށް ނޫނެވެ. އެއީ އަސްލަމް އެވެ.

"އޭއި ހުއްޓާލާ ކިހިނެއް ވެގެންތަ މި އުޅެނީ…ނުތަޅާ އޭނާ ގައިގަ." އުނައިސް އެ މީހުންގެ ކިބައިން އަސްލަމް ސަލާމަތް ކުރި އެވެ.

"ކަލޭ އަޅުގަނޑު ސަލާމަތް ކުރީ ކީއްވެ؟ މިއީ އަޅުގަނޑަށް ހައްގު އަދަބު…އަޅުގަނޑަކީ ކުށްވެރިއެއް." އަސްލަމް މޫނުގައި އަތްއަޅާ ރޮމުން ބުނެލި އެވެ.

"ކަލެއަށް ކުށެއް ކުރެވުނުކަން ކަލެއަށް އެނގުން މިއީ ވަރަށް ބޮޑު ހެޔޮ ކަމެއް. ކަލޭ ތައުބާވޭ. އަދި ކަލެއަށް ކުރެވުނު ކުށުގެ އަދަބު ކަލެއަށް ދޭނީ ﷲ މި މީހުންނެއް ނޫން." އުނައިސް ބުންޏެވެ.

"ކަލޭ ހާދަ ހެޔޮފުޅޭ. ކަލެ އަށް ނޭނގޭނެ މި ފެކްޓަރީ ބަރުބާދުވުމުގަ އަޅުގަނޑުގެ އަތެއް ވެސް ވޭ. މި މީހުންނަށް މިއަދު ޖެހިފަ މިވާ ހާލަކީ އަޅުގަނޑުގެ ސަބަބުން ޖެހުނު ހާލު. ނުލާހިކު ރަނގަޅަށް ކައިގެން ބޮއިގެން މަސައްކަތްކޮށްގެން ތިބެފަ ކުޑަ ފައިސާކޮޅެއްގެ ދަހިވެތިކަމުގަ އެ މީހުންގެ ދަލުގަ އަހަރެން ވެސް ޖެހުނީ. އަދި އަހަރެމެންގެ އޯގާތެރި ވެރިޔާ އަށް ހަރާމްކޯރު ވެވުނީ. އެ ވެރިޔާއަކީ އޭނާގެ ސުފުރާގެ ކޮންމެ އެއްޗެކަން އަހަރެންގެ ގެ ސުފުރާ ތަނަވަސްކޮށް ދިން އޯގާތެރިޔާ. އަހަރެން ދަތް އެޅީ އަހަރެންނަށް ކާން ދިން އަތުގަ." އަސްލަމް ރޮމުން ވާހަކަ ދައްކަމުން ބިންމަތީގައި ކަކޫ ޖެހި އެވެ.

"ނޫނެ އަސްލަމް ތެދުވޭ…ތެދުވެ އަތް ފަޔާއި މޫނު ދޮވޭ…ހުރިހާ ކަމެއް ވާނީ ރަނގަޅަށް." އުނައިސް އަސްލަމް ދެ ކޮނޑުގައި ހިފައި ބިންމަތިން ނެގި އެވެ. އަދި ދާން ހިނގައިގަތެވެ.

"އުނައިސް ސާ މަޑުކޮށްލަބައްލަވާ. އަޅުގަނޑަށް މި ކުރެވުނު ކުށުގެ ބަދަލުގަ އަޅުގަނޑު ބޭނުން ވެރިޔާ އަށް އެހީވާން،"

"ނޫނޭ އަސްލަމް މިހާރު މާލަ ސްވެއްޖެ. މާދަމާ ފެކްޓަރީ ވެސް އަދި ގެވެސް ސަރުކާރަށް ނަގާނެ." އުނައިސް ހުއްޓިލާފައި ބުނެލި އެވެ.

"ނޫން އަހަރަމެންގެ ގަހަނާތަށް ގެންދޭ. އަދި ދަރަނި އަދާކޮށްފަ އަޅުގަނޑުމެންނަށް ފެކްޓަރީ ސަލާމަތްކޮށް ދެއްވާ." އަސްލަމްގެ އަނބި ފާތުމަ ކުރިއަށް ޖެހިލާފައި ބުނެލިއެވެ. ހަމަ އެވަގުތު މަސައްކަތް ކުރާ އެހެން މީހުންތަކުގެ އަނބިން ވެސް އެ މީހުންގެ ހުރިހާ ގަހަނާއެެއް ހިފައިގެން އައިސް ބޮޑު ދަބަހަކަށް އަޅާފަ އުނައިސް އަތަށް ދިއްކޮށްލި އެވެ.

"އަހަރެން ކަލޭމެންގެ ތި ލޯތްބަށް ގަދަރުކޮށް އިހްތިރާމް ކުރަން. އެކަމަކު ތިހާ ގަހަނާއަކުން މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހީނުވޭ އެއްވެސް ކަމެއް ވޭނެހެނެއް" އުނައިސް ބުންޏެވެ.

(ނުނިމޭ)