Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

ސަނީފު ދެއްކިޔަސް އެއީ އެހެން މީހެއްގެ ވާހަކައެވެ.

ތިނަދޫ އުުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު - ފޮޓޯ: މަޖިލިސް

އައްޑޫ އެއަރޕޯޓް ތަރައްގީ ކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދު ﷲ ސަނީފު މާވަރުގަދަޔަކަށް ވާހަކަ ދައްކައިފިކަމުގެ ޚަބަރުތައް ނޫސްތަކުން އެބަފެނެއެވެ. ބުންޏޯލައެވެ. އެއީ ބޮޑުހަގުރާމައިގެ ދުވަސްވަރު އިނގިރޭސިން އެޅި ކޮންކްރީޓެވެ. ކިތަންމެ ވަރަކަށް ތަރައްގީކުރަން އުޅުނަސް އަލަކުން ވާނޭ ތަރައްގީއެއް ނެތެވެ. ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދޮންވާނޭ ތަނެއްވެސް ނޫނެވެ. ތިޔައީ ބޭކާރު ތަނެކެވެ. ކޮންމެއަކަސް ސަނީފުގެ ވާހަކަޔާ ގުޅިގެން އައްޑޫ ރައްޔިތުން ވަރަށް ނުރުހިއްޖެއެވެ. މީސްމީޑިއާގައި އެކިމީހުން ކޮށްފައިވާ ޕޯސްޓުތަކަށް ބަލައިލީމާ އައްޑޫ މީހުންގެ އުދާސްތައް ވަރަށް ރަގަޅަށް ހާމަވެއެވެ.

ސަނީފުގެ ވާހަކަޔާ އަޅުގަޑުވެސް ދެކޮޅެވެ. އެކަމަކު އަޅުގަޑު ގަބޫލުކުރާގޮތުގައި އައްޑޫ އެއަޕޯޓާއި އައްޑޫގެ ތަރައްގީއާ ގުޅޭގޮތުން ސަނީފު އެދެއްކީ ސަނީފުގެ އަމިއްލަ ވާހަކައެއް ނޫނެވެ. އެއީ އެހެން މީހެއްގެ ވާހަކައެވެ. އެހެން މީހެއްގެ ވިސްނުމެވެ. ދެބޯގެރި ދުއްވައިގެންނާއި އެއްއަތޮޅު އަނެއްއަތޮޅާ ޖައްސައިގެން ފިތުނަ ފެށުމަކުން ސަނީފަށް ލިބޭންއޮތް ސިޔާސީ މަންފާއެއް އަދި އެނޫން މަންފާއެއްވިޔަސް ނެތެވެ. އެކަމަކު ތާއަބަދު ފިތުނައިގެ އަލިފާން އަންދައިގެން ސިޔާސީ މަންފާ ހާސިލްކުރާ މީހުން އެބައުޅެއެވެ. އެބަފެނެއެވެ. އަޅުގަޑު ޔަގީންކުރާ ގޮތުގައި މިއީ އެފަދަ ކަމެކެވެ.

ސަނީފަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި މުހައްމަދު ނާޒިމްގެ އެއްބަނޑު އެއްބަފައި ކޮއްކޮއެވެ. ސައްތައިން ސައްތަ ހަވަރުތިނަދޫ މީހެކެވެ. އައްޑޫއަށް ތަރައްގީ ގެނައުމަކުން ސަނީފަކަށްވެސް އަދި ސަނީފުގެ އާއިލާޔާއި ސަނީފު ނިސްބަތްވާ ރަށާއި އަތޮޅަށްވެސް ލިބޭނޭ ދެރައެއް ނެތެވެ. އައްޑޫއަކީވެސް ދިވެހިރާއްޖޭގެ އަތޮޅެކެވެ. އެ އަތޮޅުވެސް ތަރައްގީ ކުރަން އެބަޖެހެއެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. އެކަންކުރާން ފައިސާ ނަގަނީ ސަނީފުގެ ޖީބަކުން ނޫނެވެ. އެހެންވީމާ ރުޅި އައިސް އައިސްފައި ސަނީފު ވާހަކަތަކެއް ދައްކާންޖެހޭ ސަބަބެއްވެސް ނެތެވެ.

ދިވެހިރާއްޖޭގައި އެއަޕޯޓުތައް އަޅަނީ ސަރުކާރުންނެވެ. ހުޅުލޭގައި ކަމަށްވިޔަސް އަދި ކާޑެއްދޫއާއި ކޫއްޑޫކަމަށްވިޔަސް އެކަން ކޮށްފައިވަނީ ސަރުކާރުންނެވެ. އެކަމަކު އައްޑޫ ގަމުގައި އެއަޕޯޓް އެޅީ ސަނީފު ބުނިފަދައިން އިނގިރޭސިންނެވެ. އަޅުގަޑު ގަބޫލުކުރާގޮތުން އެއީ އިގިރޭސިންގެ އެއަޕޯޓެއްކަން ސަނީފަކަށްވެސް އެގިފައި ނުވާނެއެވެ. ސަނީފަށް މޭރުން ނުވިޔަސް އެކަން ދަންނަ ބަޔަކު އެބަތިއްބެވެ. ދިވެހިރާއްޖޭގައި އިނގިރޭސިން ޖެހި ސަކަރާތުގެ ވާހަކަ ތާއަބަދު ތިލަކުރާ ބަޔަކު އެބައުޅެއެވެ. ދިވެހިރާއްޖޭގައި ހަގީގީ ޖުމްހޫރީ ބައްޓަމަށް ރައްޔިތުންގެ މަޖިލީހެއް ހިންގީ ސުވާދީބުގެ ދައުރުގައި ސުވާދީބުގައޭވެސް އިހަށްދުވަހު ބޭފުޅަކު ވިދާޅުވީތާއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނީ އައްޑުއަތޮޅުންނެވެ. އެކަމުގެ އިނާމަކީ ކޮބައިބާވައެވެ. އެމަނިކުފާނުގެ ކެބިނެޓުން އައްޑޫ މީހަކަށް ފުރުސަތެއްވެސް ނުލިބުނެވެ. އެކަމަކު ހުވަދޫ ހަތަރުފަސް ބޭފުޅަކު ކެބިނެޓްގައި ތިއްބެވިއެވެ. އެކަމާވެސް އައްޑޫ ބަޔަކު ޝަކުވާކުރީއެއް ނޫނެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގެންނާނަމޭ ބުނެފައި ދެން ކުޅުނު ޑްރާމާ ނުފެންނަ މީހަކު މިރާއްޖޭގައި ނޫޅެއެވެ. ކޮޅުމަޑުލު އަފީފު އެދޭތެރެއަށް ގެނެސް ދެބޯގެރި ދުއްވިގޮތް ނޭގޭ މީހަކު ނެތެވެ. އެކަމަކު އައްޑޫ ރައްޔިތުން ޝަކުވާއެއް ނުކުރެއެވެ. ތިބީ މަޑުންނެވެ.

މަޑުން ތިބެނީ ވާނުވާ މޭރުންނުވާތީކީއެއް ނޫނެވެ. ކޮންމެފަހަރަކުވެސް ވޯޓު ހޯދާންވީމާ ޗިޕުޖަހާކަން ނޭގިގެނެއްވެސް ނޫނެވެ. ތިބެނީ މަސްލަހަތަށްޓަކައެވެ. އެކަމަކު މިހާރު ތިޔަދަނީ މާމައްޗަށެވެ. ސަނީފު މެދުވެރިކޮށް މީގެ ކުރީންވެސް ތަމްސީލު ކުޅުވިގޮތް މީސްތަކުންނަށް އޮތީ ފެނިފައެވެ. އެހެންވީމާ ސަނީފު މެދުވެރިކޮށް ހުވަދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުން ޖައްސާން އުޅުމުގެ ބޭނުމެއްނެތެވެ. ތިޔަކުޅޭ ފިތުނައިގެ ކުޅިވަރު އަތޮޅުތަކުގެ ހަސަދަޔަކަށް ހަދަން އުޅުމުގެ ބޭނުމެއްވެސް ނެތެވެ. އެކަމެއް ނުވާނެއެވެ.

ތިނަދޫގެ އިރުމަތީފަރާތުގައި ކުރީގެ ހުކުރު މިސްކިތްހުރި ބިމުގައި ރައީސް ޔާމީނުގެ ދައުރުގައި އިސްލާމީ މަރުކަޒެއް އަޅާން އުޅުނީމާ އެކަން ވިޔަނުދިނީވެސް ޕާޓީ ޕޮލިޓިސްގެ ތެރެއިން ކުޅުނު ތަމްސީލަކުންނެވެ. ކަޅުވަކަރު މިސްކިތް ދެހެރޭ ކިޔައިގެން ރަށު ކައުންސިލުން ޖެހި ސަކަރާތުގެ މުގުލުގައިހުރީ އެފަހަރުވެސް ސަނީފެވެ. އެއީވެސް މާލެއިން ބަޔަކު ކުޅުވި ތަމްސީލެކެވެ. އެކްޓަރުން ހޮވާނީ އެމީހެއްގެ ކެރިކުޅަދާނަކަމާއި ޖެހިލުންކުޑަކަމަށްވެސް ބަލައިފައިތާއެވެ. ސަނީފަކީ މިޒާތުގެ ކަންކަމަށް ވަރަށް ޖެހިލުންކުޑަ މީހެކެވެ.

ޖެހިލުންކުޑަކަމުގެ އެހެން މިސާލެކެވެ. ރައީސް މައުމޫން އެއްފަހަރަކު ތިނަދޫއަށް ވަޑައިގެންނެވީމާ އެމަނިކުފާނު ރަށުން ފައިބާވަޑަައިގަންނަވަންދެން އަޑުގަދަކުރާ ބޭނުންކޮށްގެން ހުތުރުވެގެންވާހައި ތަކެތި ގޮވީ މި ސަނީފެވެ. އެކަމުގެ އޯޑަރު އައީވެސް މާލެއިންނެވެ. އައްޑޫއާއި ހުވަދޫ ރައްޔިތުން ޖައްސައި ފިތުނައިގެ އަލިފާން ރޯކުރަން ސަނީފު އިޚުތިޔާރު ކުރި މީހަކަށް ސަނީފަކީ އައްޑޫ މީހުންދެކެ ރުޅިއަރާ މީހެއްކަންވެސް އެނގޭނެއެވެ. ތިނަދޫގައި ހުންނަ އަސްފަތާލުގެ ނަން ނިސްބަތްވަނީ އައްޑޫ ހުޅުދޫ މޫސާމަނިކުފާނުގެ އަބްދު ﷲ މަނިކުފާނުގެ ޑރ ސަމަދަށް ކަމަށްވެގެން އެނަން ބަދަލުކުރަން ދާދިފަހުން ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގީވެސް ހަމަ ސަނީފެވެ.