ބޮލީވުޑަށް ދާދި ފަހުން ތައާރަފްވު ޒުވާން ބަތަލު ސުޝާންތު ސިންގް ރާޖްޕުޓް، ޝޭކަރު ކަޕޫރުގެ "ޕާނީ" އަށް ސޮއިކޮށްފި އެވެ.
އެކަން ޝޭކަރު އާ ގުޅިގެން "ޕާނީ" ޕްރޮޑިއުސް ކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވެސް ވަނީ ކަަށަވަރުކޮށް ދީފަ އެވެ.
ކުރިން މި ފިލްމްގެ ލީޑް ރޯލަށް ރިތިކް ރޯޝަން ހަމަޖެއްސި ނަމަވެސް، އެކިއެކި ސަބަބުތަކާ ހެދި ފިލްމް ލަސްވަމުންދާތީ، ރިތިކްގެ ބަދަލުގައި ސުޝާންތަށް ލީޑް ރޯލް ދިނީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ޕާނީ" އިން ރިތިކް ދޫކޮށްލީ މި ފިލްމްގެ ފައިދާ އިން ރިތިކް އަށް ޕަސެންޓެއް ދޭ ގޮތަށް އޭނާ ހުށަހެޅުމުން ކަމަށްވެ އެވެ. އަދި އެކަމާ ވައިއާރްއެފުން އެއްބަސް ނުވީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސާފު ބޯ ފެން ލިބުމުގައި ދުނިޔެ އަށް ކުރިމަތިވާ ހާދިސާތަކެއް ދައްކުވައިދޭ "ޕާނީ" އަށް ސުޝާންތު ހަަމަޖެއްސި އިރު، މިއީ އޭނާ ސޮއި ކުރި ވައިއާރްއެފްގެ ތިން ވަނަ ފިލްމެވެ.
މި ފިލްމްގައި އިންޑިއާ ތަރިންގެ އިތުރުން ހޮލީވުޑްގެ ތަރިން ވެސް ހިމެނެ އެވެ.
އެގޮތުން ސުޝާންތު އާ އެކު ފިލްމްގައި ލީޑް ރޯލް ކުޅޭނެ ހޮލީވުޑްގެ ބަތަލާ އެކު ހޯދުމުގެ މަސައްކަތް، ހޮލީވުޑްގެ ފިލްމްތައް ވެސް ޑައިރެކްޓް ކުރާ ޝޭކަރު މިހާރު އަންނަނީ މަަސައްކަތް ކުރަމުންނެވެ.
"ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ތައާރަފްވި ސުޝާންތުފެ ދެވަނަ ފިލްމަކީ ދާދި ފަހުން ވައިއާރްއެފުން ރިލީޒް ކުރި "ޝުދް ދޭސީ ރޮމާންސް" އެވެ.
އޭނާ އެ ކުންފުންޏަށް ސޮއި ކުރި ދެވަނަ ފިލްމަކީ ދިބާކަރު ބެނަޖީ ޑައިރެެކްޓް ކުރާ ޑިޓެކްޓިކް ބިއޮމްކޭޝް ބަކްޝީ" އެވެ.
"މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރު ޝޭކަރު ޑައިރެކްޓް ކުރާ "ޕާނީ" ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.
"ޕާނީ" އަށް މިއުޒިކް ތައްޔާރުކޮށް ދެނީ އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާނެވެ.